ކްރިމިނަލް ކޯޓުގެ ނޫސް ބަޔާނާގުޅޭ

ދިވެހި ދައުލަތުގެ އިސްވެރިންގެ މިންނެތް މަސައްކަތްޕުޅުންނާއި، ދިވެހިރާއްޖެއަށް ހެވާ ލާބަ އެދޭ ގިނަ ބައެއްގެ މަސައްކަތުން، ދިވެހިރާއްޖޭގައި ޤާއިމުވެ އިސްތިޤުރާރު ވެފައިވާ؛

1- އަމާންކަން ނަގާލައި،

2- ދިވެހި ރައްޔިތުންގެ މެދުގަ ފިތުނަ ފަސާދަ އުފެއްދުމަށާއި ދިވެހި ދައުލަތުގެ އިސް ވެރިންނާއި މުއައްސަސާތަކާމެދު ދިވެހި ރައްޔިތުންގެ ހިތްތަކުގައި ނުތަނަވަސްކަން އުފެއްދުމަށާއި،

3- ދައުލަތުގެ ތިން ބާރުގެ އަގުވައްޓާލުމަށާއި،

4- ދިވެހި ރައްޔިތުންގެ މެދުގައި ބައިބައިވުން އުފެއްދުމަށް،

ދިވެހިރާއްޖޭގައި ނެރެމުންދާ ބައެއް ނޫސްތަކުގައި ލިޔުއްވާ ބައެއް ނޫސްވެރިން މަސައްކަތްކުރައްވަމުން ގެންދަވާކަން ފާހަގަކުރެވިފައިވާއިރު،

އަދި އޭގެތެރެއިން ބައެއް ލިޔުންތަކަކީ ޓެރަރިޒަމަށް ހިތްވަރު ލިބޭ ޒާތުގެ ލިޔުންތަކެއްކަން ފާހަގަކުރެވިފައި ވާތީ މިހާރުން މިހާރަށް މިފަދަ ޢަމަލުތައް ހުއްޓާލެއްވުމަށް އެންމެހައި ނޫސްވެރިންނަށް ކްރިމިނަލް ކޯޓުން ވަނީ އިލްތިމާސް ކުރައްވާފައެވެ.

 އެފަދަ ލިޔުންތައް ލިޔުއްވައިގެން، ދިވެހި ދައުލަތުގެ އަމަންޢާއްމާއި އިސްތިޤުރާރު ނަގާލައި، ދިވެހި ދައުލަތުގެ ސިޔާދަތަށް ބުރޫއަރާފަދަ ޢަމަލުތައް ކުރައްވާ ކޮންމެ މީހަކާމެދު ކްރިމިނަލް ކޯޓުން ޤާނޫނީ ފިޔަވަޅު އަޅުއްވާނެކަން އެ ކޯޓުންވަނީ ޢާންމުުކުރައްވާފައެވެ.

ނޫސްބަޔާން ވިދާޅުވުމަށް