2016 ވަނަ އަހަރުގައި ކުރިމިނަލް ކޯޓަށް ގިނަ އަދަދެއްގެ މައްސަލަތަކެއް ބަލައިގެންފި

slide-005

ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހުން ކުރިމިނަލް ކޯޓަށް 2015 ވަނަ އަހަރުގައި ހުށަހެޅި މައްސަލަތަކަށް ވުރެ 2016 ވަނަ އަހަރުގައި ހުށަހެޅި މައްސަލަތައް ވަރަށް ބޮޑުތަން އިތުރުވެގެން ހިނގައްޖެއެވެ. މި އަހަރު ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހުން ހުށަހެޅި މައްސަލަތަކުގެ ތެރެއިން ގިނަ މައްސަލަތަކަކީ ، މުޅިން އަލަށް ހުށަހަޅާފައިވާ މައްސަލަތަކެވެ. 2015 ވަނަ އަހަރު، ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހުން، ކުރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ ޖުމުލަ 806 މައްސަލަ އެވެ. 2016 ވަނަ އަހަރުގައި މިހާތަނަށްވެސް އެކަނި 1563 މައްސަލަ ކުރިމިނަލް ކޯޓަށް ހުށަހަޅާފައިވެއެވެ. މިއީ 2015 ވަނަ އަހަރުގައި ހުށަހެޅި މައްސަލަތަކާ އަޅާ ބަލާއިރު 93% މައްސަލާގެ އިތުރުވުމެކެވެ. މި އަހަރުގެ ތެރޭގައި ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހުން އެންމެ ގިނައިން މައްސަލަތައް ކުރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ، މި އަހަރުގެ އެންމެ ފަހު ތިން މަހުގެ ތެރޭގައެވެ. އެގޮތުން، އޮކުޓޫބަރު މަހު 241 މައްސަލައާއި، ނޮވެންބަރު މަހު 140 މައްސަލަ އަދި ޑިސެންބަރު މަހުގެ މިހާތަނަށް 210 މައްސަލަ ހުށަހަޅާފައިވެއެވެ. އޮގޮތުން 04 ޑިސެންބަރު 2016 އިން 10 ޑިސެންބަރު 2016 އަށް ކުރިމިނަލް ކޯޓަށް ޖުމުލަ 114 މައްސަލަ ހުށަހަޅާފައިވާކަން ފާހަގަ ކުރެވިފައިވެއެވެ. މިއީ، ޑިސެންބަރު މަހުގައި ހުށަހެޅުނު މައްސަލަތަކުގެ ނިސްބަތުން 96% މައްސަލައެވެ. އިސްލާޙް ކުރަން ހުރި ކަންތައްތަކެއް ހުރިކަމަށް ފެންނާތީ، އަނބުރާ ފޮނުވާލާފައިވާ 163 މައްސަލަ ފިޔަވައި ދެން ހުރި ހުރިހާ މައްސަލައެއް ވަނީ ކުރިމިނަލް ކޯޓުން ބަލާގެންފައެވެ.