ބަންގްލަދޭޝްގެ އެކްޓިން ޗީފް ޖަސްޓިސް، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރެއްވުން

news

ބަންގްލަދޭޝްގެ އެކްޓިންގ ޗީފް ޖަސްޓިސް މިރުޒާ ޙުސައިން ޙައިދަރު، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ސަޢީދުގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު ހެނދުނު 11:00 ގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ސަޢީދު ވަނީ ބަންގްލަދޭޝްގެ އެކްޓިންގ ޗީފް ޖަސްޓިސް މިރުޒާ ޙުސައިން ޙައިދަރު ރާއްޖެއަށް ޒިޔާރަތްކުރެއްވި ކަމަށްޓަކައި އެ ބޭފުޅާއަށް މަރުޙަބާ ވިދާޅުވެފައެވެ. އަދި، ރާއްޖޭގެ ޖުޑީޝަރީއާއި، ބަންގްލަދޭޝްގެ ޖުޑީޝަރީއާ ދެމެދު ޤާއިމްކުރެވިފައިވާ އެކުވެރިގުޅުން ފާހަގަކުރައްވައި، ބަންގްލަދޭޝްގެ ޖުޑީޝަރީއިން ވެދެއްވާ އެހީތެރިކަމާއި، އެއްބާރުލެއްވުމަށް ޝުކުރުއަދާކުރައްވާފައެވެ. މީގެއިތުރުން ޢަދުލުއިންޞާފުގެ ދާއިރާގެ މިނިވަންކަން ދެމެހެއްޓުމާއި ދެ ޤައުމުގެ ޖުޑީޝަރީގެ ދެމެދުގައި ތަޖުރިބާ ހިއްސާކުރެއްވުމާގުޅޭ މަޝްވަރާ ކުރެއްވިއެވެ.


މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ޢަރީފް އާއި، ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަލީ ޙަމީދު މުޙައްމަދު އާއި، ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު އާދަމް މުޙައްމަދު ޢަބްދުﷲ އާއި، ފަނޑިޔާރު އޮނަރަބަލް ޑރ. އަޙްމަދު ޢަބްދުﷲ ދީދީ ބައިވެރިވެ ވަޑައިގެންނެވިއެވެ.