ގޮނޑި ނުގެއްލޭކަމަށް ކަނޑައަޅައިފިކަމަށް ބުނެ ފަތުރާ ޚަބަރަކީ ދޮގު ޚަބަރެއް

ދިއްދޫދާއިރާގެ ގޮނޑި ނުގެއްލޭކަމަށް ކަނޑައަޅައިފިކަމަށް ބުނެ ފަތުރަމުންދާ ޚަބަރަކީ ކަމުގެ ޙަޤީޤަތް އޮޅޭގޮތަށް ފަރުތަމުންގެންދާ ގޮދު ޚަބަރެކެވެ.

މައްސަލަ ހުށަހެޅި ފަރާތުން އެދުނުގޮތް

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 74 ވަނަ މާއްދާއަށް ރިޢާޔަތްކޮށް ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ މެންބަރުކަމުގެ ގޮނޑި ހުސްވެއްޖެ ކަމާމެދު ޚިލާފެއް އުފެދިއްޖެނަމަ، އެ މައްސަލައެއް ބަލައި، ގޮތެއް ކަނޑައަޅަންވާނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުންކަމަށް ބުނެފައިވާހިނދު، ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެންބަރު ހއ. ދިއްދޫ ފުނަމާގޭ ޢަބްދުއްލަޠީފް މުޙައްމަދު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ދާއިރާގެ ގޮނޑި ހުސްވެއްޖެކަމަށާއި އަދި އެ ދާއިރާގެ ބައި-އިލެކްޝަން ހަމަޖެހިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން 19 ޖުލައި 2017 ވަނަ ދުވަހު ނިންމާފައިވާ ނިންމުމަކީ ޤާނޫނުއަސާސީގެ 30 ވަނަ މާއްދާގެ (ހ) އާއި 26 ވަނަ މާއްދާގެ (ށ) އިން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްޤާއި މިނިވަންކަމާއި އަދި ޤާނޫނު ނަންބަރު 2013/04 (ސިޔާސީ ޕާޓީތަކުގެ ޤާނޫނު) ގެ 13 ވަނަ މާއްދާގެ (ސ) އާ ސިޔާސީ ޕާޓީގެ ޤަވާޢިދުގެ 18 ވަނަ މާއްދާގެ (ހ) އާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) ގެ އަސާސީ ޤަވާޢިދުގެ 20 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރާއި އަދި ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-C/17 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމާއި އަދި ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-SJ/09 ކޯޓު އަމުރުން އެކަށައަޅާފައިވާ ޤަޟާއީ ނިންމުންތަކާ ތަޢާރުޟުވާގޮތަށް ނިންމާފައިވާ ނިންމެވުމެއްކަމަށްވާތީ، އެ ނިންމުން ބާޠިލު ކަމަށާއި، އަދި ޢަބްދުއްލަޠީފު މުޙައްމަދު އަކީ ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެންބަރުކަމަށް ކަނޑައަޅައިދީ، މި މައްސަލައިގައި ސުޕްރީމް ކޯޓުން މައްސަލަ ބަލައި ފައިޞަލާކުރަނިވި ޙުކުމެއް ކުރުމާ ހަމައަށް ނުވަތަ ވަކި ގޮތަކަށް ޢަމަލުކުރުމަށް އަންގަންދެން ނުވަތަ ސުޕްރީމް ކޯޓުން މި މައްސަލައިގައި ވަކިގޮތަކަށް އަންގަންދެން ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެންބަރުގެ ގޮތުގައި ދެމިހުރެވޭނެ ކަމަށާއި، އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ ގޮނޑިއަށް މެންބަރަކު އިންތިޚާބު ކުރުމަށްޓަކައި ބޭއްވުމަށް ނިންމާފައިވާ ބައި-އިލެކްޝަން ބޭއްވުމާގުޅޭ އެންމެހައި އިންތިޒާމުތައް ވަގުތުން ހުއްޓާލުމަށް އިލެކްޝަންސް ކޮމިޝަނާއި ދައުލަތުގެ ކަމާބެހޭ އިދާރާތަކަށާއި މުވައްޒަފުންގެ މައްޗަށް އަމުރުކޮށް ދިނުމަށް މައްސަލަ ހުށަހެޅި ފަރާތުން ވަނީ އެދިފައެވެ.

މައްސަލައިގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމެވިގޮތް

މި މައްސަލައިގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މިއަދު ނިންމަވައިފައިވަނީ، ސުޕްރީމް ކޯޓުގެ ހުއްދައަށް އެދި ހުށަހަޅާފައިވާ މި މައްސަލަ ހުށަހަޅާފައިވަނީ ސުޕްރީމް ކޯޓުގެ ޤަވާޢިދާ އެއްގޮތްވާ ގޮތުގެ މަތިންކަމަށްވާތީ، މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުގެ ހުއްދަ ދިނުމަށެވެ. އަދި ހުއްދަދެވޭތާ 3 (ތިނެއް) ދުވަހުގެ ތެރޭގައި މައްސަލަ ރަޖިސްޓްރީ ކުރުމަށް ހުށަހެޅުމަށެވެ.