ސުޕްރީމް ކޯޓު

ސިވިލް ކޯޓުގެ ނަންބަރު 707/Cv-C/2017ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމަކީ ބާޠިލް ޙުކުމެއްކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައަޅުއްވައިފި

SC2

ސިވިލް ކޯޓުގެ ނަންބަރު  707/Cv-C/2017ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމަކީ ބާޠިލް ޙުކުމެއްކަމަށް 16 ފެބުރުވަރީ 2017 ގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައަޅުއްވައިފިއެވެ. ސިވިލް ކޯޓުގެ ނަންބަރު  707/Cv-C/2017ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމަކީ ބާޠިލް ޙުކުމެއްކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައަޅުއްވައިފައިވަނީ، ޤާނޫނުއަސާސީގެ 145 ވަނަ މާއްދާގެ (ނ) ގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާ ނިންމުމަކީ އެންމެ ފަހުގެ ނިންމުން ކަމަށް ބަޔާންކޮށްފައިވާއިރު، ސިވިލް ކޯޓުގެ ނަންބަރު  707/Cv-C/2017ޤަޟިއްޔާއިން  "ދިވެހި ސަރުކާރާއި މެރިން ޓެކްނޮލޮޖީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއާ ދެމެދު ކޮށްފައިވާ ވ.ބޮޑުމޮހޮރާ، ޓޫރިސްޓް ރިޒޯޓެއްގެ ގޮތުގައި ތަރައްޤީކުރުމަށް ޙަވާލުކުރުމުގެ ޝަރުޠުތަކަށް އެއްބަސްވާކަމުގެ އެގްރިމެންޓްގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެއްބަސްވުމުގައި 16 ފެބުރުވަރީ 2017 އިން ފެށިގެން 7 ދުވަހުގެ ތެރޭގައި ސޮއިކުރުމަށް" ކޮށްފައިވާ ޙުކުމަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު  2017/SC-L-J/01 އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދޭ މައްސަލަ ނިންމިގޮތާ ޚިލާފަށްކޮށްފައިވާ ޙުކުމެއް ކަމަށާއި، އަދި އެކަމާމެދު ފިޔަވަޅު އަޅައިދިނުން އެދި ދިވެހި ދައުލަތުގެ ބަންޑާރަނާއިބު ހުށަހެޅުއްވި މައްސަލައިގައެވެ.

ސިވިލް ކޯޓުގެ ނަންބަރު  707/Cv-C/2017ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމަކީ ބާޠިލް ޙުކުމެއްކަމަށް ކަނޑައަޅުއްވައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނެރުއްވާފައިވާ ނަންބަރު 2017/SC-SJ/03 ކޯޓު އަމުރުގައި ފާހަގަކުރައްވާފައިވާ ކަންތައްތައް ތިރީގައިއެވަނީއެވެ.

    - ސިވިލް ކޯޓުގެ ނަންބަރު 1456/CV-C/2012 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމް ތަންފީޛުކުރުމުގެ ގޮތުން ދިވެހި ސަރުކާރާއި މެރިން ޓެކްނޮލޮޖީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ދެމެދު 14 ޖަނަވަރީ 2014 ގައި ވެފައިވާ ޖޮއިންޓް ވެންޗަރ އެގްރިމެންޓަކީ ޤާނޫނު ނަންބަރު 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 13 ވަނަ މާއްދާގެ ދަށުން ބާޠިލު އެއްބަސްވުމެއްކަމަށް ކަނޑައަޅުއްވައިދެއްވުމަށް އެދި، ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު  2017/SC-L-J/01 އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދޭ މައްސަލަ ނިންމިގޮތުގައި ދިވެހި ސަރުކާރުގެ މައްޗަށް ތަންފީޛުކުރުން ލާޒިމުވެގެންވާ އެގްރިމެންޓެއް، ވ.ބޮޑުމޮހޮރާ ކުއްޔަށްދިނުމާބެހޭ ގޮތުން މެރިން ޓެކްނޮލޮޖީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ދިވެހި ސަރުކާރާ ދެމެދު ސޮއިކުރެވިފައިނުވާއިރު، އެފަދަ އެގްރިމެންޓެއް ކުރުމަށް ދިވެހި ސަރުކާރުގެ މައްޗަށް މަޖުބޫރުކުރާ ނުވަތަ ލާޒިމުކުރާ ޤާނޫނީ އެއްވެސް އަސާސެއް ނެތްކަން.

   - ޤާނޫނު ނަންބަރު 99/2 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) އާއި ، ކަމާބެހޭ އެހެނިހެން ޤާނޫނުތަކާއި ޤަވާޢިދުތަކުގައި ބަޔާންވެގެންވާ އުޞޫލުތަކާއި އިޖުރާއާތުތަކާ އެއްގޮތްވާގޮތުގެ މަތިން، ވ.ބޮޑުމޮހޮރާ ކުއްޔަށް ދިނުމަށް މެރިން ޓެކްނޮލޮޖީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެކު އެއްބަސްވުމަކަށް ވާޞިލުވުމަކީ، ދިވެހި ސަރުކާރަށް ލިބިގެންވާ އިޚްތިޔާރީ ބާރެއްކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު  2017/SC-L-J/01 އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދޭ މައްސަލަ ނިންމި ނިންމުމުގައި ކަނޑައަޅާފައިވާކަން.

   - 16 ފެބުރުވަރީ 2017 ވަނަ ދުވަހު ސިވިލް ކޯޓުގެ ނަންބަރު  707/Cv-C/2017ޤަޟިއްޔާގައި އަލުން އެމައްސަލަ ބަލައި ހަމަ އެމައްސަލައިގައި ދިވެހި ސަރުކާރާއި މެރިން ޓެކްނޮލޮޖީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އާ ދެމެދު ކޮށްފައިވާ ވ.ބޮޑުމޮހޮރާ، ޓޫރިސްޓް ރިޒޯޓެއްގެ ގޮތުގައި ތަރައްޤީކުރުމަށް ޙަވާލުކުރުމުގެ ޝަރުޠުތަކަށް އެއްބަސްވާކަމުގެ އެގްރިމެންޓްގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެއްބަސްވުމުގައި 16 ފެބުރުވަރީ 2017 އިން ފެށިގެން 7 ދުވަހުގެ ތެރޭގައި ސޮއިކުރުމަށް ކޮށްފައިވާ ޙުކުމަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު  2017/SC-L-J/01 އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދޭ މައްސަލަ ނިންމި ނިންމުމާ ކަނޑައެޅިގެން ޚިލާފަށް، ދިވެހި ސަރުކާރުގެ މައްޗަށް އަންގައި އަމުރުކޮށްފައިވާ ޙުކުމެއްކަން.


ސިވިލް ކޯޓުގެ ނަންބަރު  707/Cv-C/2017ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމަކީ ބާޠިލް ޙުކުމެއްކަމަށްދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނެރުއްވާފައިވާ ނަންބަރު 2017/SC-SJ/03 ކޯޓު އަމުރުގައި ކަނޑައަޅުއްވާފައިވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 141 ވަނަ މާއްދާއާއި، 143 ވަނަ މާއްދާގެ (ރ) އާއި ، 144 ވަނަ މާއްދާއާއި، 145 ވަނަ މާއްދާގެ (ނ) އާއި، ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 20 ވަނަ މާއްދާގެ (ހ) އަދި (ށ) އާއި 22 ވަނަ މާއްދާގެ (ހ) އާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޤަވާޢިދުގެ 86 ވަނަ މާއްދާއަށް ރިޢާޔަތްކޮށެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނެރުއްވާފައިވާ ނަންބަރު 2017/SC-SJ/03 ކޯޓު އަމުރު ވިދާޅުވުމަށް.