މެމްސް ސޮފްޓްވެއަރ ފ.ނިލަންދޫ މެޖިސްޓްރޭޓް ކޯޓުގައި ބޭނުންކުރަން ފަށައިފި

max33

ޝަރުޢީ ދާއިރާގެ މައި ސޮފްޓްވެއަރ "މޯލްޑިވްސް އީ-ކޯޓް މެނޭޖްމަންޓް ސިސްޓަމް" (މެމްސް) ފ.ނިލަންދޫ މެޖިސްޓްރޭޓް ކޯޓުގައި ތަޢާރަފުކޮށް ބޭނުން ކުރަން ފަށައިފިއެވެ. ފ.ނިލަންދޫ މެޖިސްޓްރޭޓް ކޯޓުގައި މެމްސް ތަޢާރަފުކޮށްފައިވަނީ އެކަމަށްޓަކައި ކުރާންޖެހޭ މަސައްކަތްތައް ކުރުމަށްޓަކައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ އައި.ޓީ ޓީމުގެ މުވައްޒަފުން މިހަފްތާ ބަންދުގައި އެކޯޓަށް ކުރި ޒިޔާރަތުގައެވެ.

 

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ އައި.ޓީ ޓީމުގެ މުވައްޒަފުން ފ،ނިލަންދޫ މެޖިސްޓްރޭޓް ކޯޓަށް ކުރި ޒިޔާރަތުގައި މެމްސް ތަޢާރަފުކުރުމުގެ އިތުރުން، މެމްސް ބޭނުންކުރާނެ ގޮތުގެ ޓްރޭނިންގ އާއި އައި.ޓީ އާ ގުޅޭ މުހިންމު މަޢުލޫމާތު ދިނުމުގެ ޓްރޭނިންގ ސެޝަންތަކެއް ކޯޓުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ވަނީ ކުރިޔަށް ގެންގޮސްފައެވެ.

މެމްސް ސޮފްޓްވެއަރ މެޖިސްޓްރޭޓް ކޯޓުތަކަށް ފުޅާކުރުމުގެ މަޝްރޫޢުގެ ދަށުން މިހާތަނަށް 14 މެޖިސްޓްރޭޓް ކޯޓުގައި މެމްސް ތަޢާރަފުކޮށް ބޭނުން ކުރަން ވަނީ ފަށާފައެވެ. އެ ކޯޓުތަކަކީ ޏ. ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓު، އދ. މަހިބަދޫ މެޖިސްޓްރޭޓް ކޯޓު، ހއ.ދިއްދޫ މެޖިސްޓްރޭޓް ކޯޓު، ހދ.ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓު، ނ.މަނަދޫ މެޖިސްޓްރޭޓް ކޯޓު، ރ.އުނގޫފާރު މެޖިސްޓްރޭޓް ކޯޓު، ކ.ތުލުސްދޫ މެޖިސްޓްރޭޓް ކޯޓު، ވ.ފެލިދޫ މެޖިސްޓްރޭޓް ކޯޓު، ތ.ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓު، ގއ.ވިލިނގިލި މެޖިސްޓްރޭޓް ކޯޓު، ގދ.ތިނަދޫ މެޖިސްޓްރޭޓް ކޯޓު އަދި ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓު އަދި ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓާއި ޅ.ނައިފަރު މެޖިސްޓްރޭޓް ކޯޓެވެ. ފ،ނިލަންދޫ މެޖިސްޓްރޭޓް ކޯޓަކީ މެމްސް ބޭނުންކުރަން ފެށި 15 ވަނަ މެޖިސްޓްރޭޓް ކޯޓެވެ.