ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގައި މެމްސް ސޮފްޓްވެއަރ ބޭނުންކުރަން ފަށައިފި

mem

ޝަރުޢީ ދާއިރާގެ މައި ސޮފްޓްވެއަރ "މޯލްޑިވްސް އީ-ކޯޓް މެނޭޖްމަންޓް ސިސްޓަމް" (މެމްސް) ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގައި ތަޢާރަފުކޮށް ބޭނުން ކުރާން ފަށައިފިއެވެ. ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގައި މެމްސް ތަޢާރަފުކޮށްފައިވަނީ އެކަމަށްޓަކައި ކުރާންޖެހޭ މަސައްކަތްތައް ކުރުމަށްޓަކައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ނެޓްވޯރކިންގ، އައި.ޓީ ސެކިއުރިޓީ އެންޑް ސަޕޯޓް ސެކްޝަންގެ މުވައްޒަފުން 15 ސެޕްޓެމްބަރ 2015 ގައި އެކޯޓަށް ކުރި ޒިޔާރަތުގައެވެ.

 

މެމްސް ސޮފްޓްވެއަރ މެޖިސްޓްރޭޓް ކޯޓުތަކަށް ފުޅާކުރުމުގެ މަޝްރޫޢުގެ ދަށުން މިހާތަނަށް އަތޮޅު ވެރިކަންކުރާ 12 މެޖިސްޓްރޭޓް ކޯޓުގައި މެމްސް ތަޢާރަފުކޮށް ބޭނުން ކުރާން ވަނީ ފަށާފައެވެ. އެ ކޯޓުތަކަކީ ޏ. ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓު، އދ. މަހިބަދޫ މެޖިސްޓްރޭޓް ކޯޓު، ހއ.ދިއްދޫ މެޖިސްޓްރޭޓް ކޯޓު، ހދ.ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓު، ނ.މަނަދޫ މެޖިސްޓްރޭޓް ކޯޓު، ރ.އުނގޫފާރު މެޖިސްޓްރޭޓް ކޯޓު، ކ.ތުލުސްދޫ މެޖިސްޓްރޭޓް ކޯޓު، ވ.ފެލިދޫ މެޖިސްޓްރޭޓް ކޯޓު، ތ.ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓު، ގއ.ވިލިނގިލި މެޖިސްޓްރޭޓް ކޯޓު، ގދ.ތިނަދޫ މެޖިސްޓްރޭޓް ކޯޓު އަދި ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓެވެ. ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަކީ މެމްސް ބޭނުންކުރަން ފެށި 13 ވަނަ މެޖިސްޓްރޭޓް ކޯޓެވެ.