މ.މުލަކު މެޖިސްޓްރޭޓް ކޯޓުގެ އައު އިމާރާތުގެ މަސައްކަތު އެއްބަސްވުމުގައި ސޮއިކޮށްފި

IMG 0853

މ.މުލަކު މެޖިސްޓްރޭޓް ކޯޓަށް  ދިމާވެފައިވާ ޖާގައިގެ ދަތިކަން ޙައްލުކުރުމުގެ ގޮތުން އިމާރާތްކުރުމަށް ހަމަޖެހިފައިވާ އެކޯޓުގެ އައު ޢިމާރާތުގެ މަސައްކަތު އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. މި މަސައްކަތް ޙަވާލުކޮށްފައިވަނީ މި ޢިމާރާތްކުރުމަށްޓަކައި ކުރި ޓެންޑަރ ކާމިޔާބުކުރި އެސް.ޖޭ ކޮންސްޓްރެކްޝަން އެންޑް ޓްރޭޑް ޕްރައިވެޓް ލިމިޓެޑާއެވެ.

 

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ޑިޕާޓްމަންޓުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ ޑިރެކްޓަރ އަލްފާޟިލާ ޢާއިޝަތު ޙުސައިން އެވެ. އަދި އެސް.ޖޭ ކޮންސްޓްރެކްޝަން އެންޑް ޓްރޭޑް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ ޑިރެކްޓަރ އަލްއުސްތާޛު ޝިހާދު އިބްރާހީމް އެވެ. މި ޕްރޮޖެކްޓްގެ ކޮންސަލްޓެންޓެއްގެ ގޮތުގައި ޑިޕާޓްމަންޓުން ކަނޑައަޅާފައިވަނީ ސިވިލް އިންޖިނިއަރ އަލްފާޟިލާ އަސްރާރު އެވެ.

249 ދުވަހުގެ ތެރޭގައި އިމާރާތްކޮށް ނިންމާ ގޮތަށް ކުރެވުނު މި އެއްބަސްވުމުގެ ޖުމްލަ އަގަކީ 6,011,742.39ރ އެވެ.

IMG 0841 
މ.މުލަކު މެޖިސްޓްރޭޓް ކޯޓު އައު އިމާރާތް ޑިޒައިން ކޮށްފައިވަނީ ޝަރީޢަތްކުރާ 2 ކޮޓަރިއާއި، މުވައްޒަފުން މަސައްކަތް ކުރާ އޭރިއާއަކާއި ވަކީލުން މަޑުކުރެއްވުމަށް ޚާއްޞަކޮށްފައިވާ އޭރިއާއެއް ހިމެނޭގޮތަށެވެ. އަދި ބަންދުގައި ބައިތިއްބައިގެން ކޯޓަށް ޙާޟިރުކުރާ ފަރާތްތައް ތިބުމަށް ޕްރިޒަން ސެލް އޭރިއާއަކާއި އެފަރާތްތައް ކޯޓަށް ޙާޟިރުކުރާ ޕޮލިސް އޮފިސަރުން މަޑުކުރެއްވުމަށް ޚާއްޞަކޮށްފައިވާ އޭރިއާއަކާއި ކޮންފަރެންސް ހޯލަކާއި ކޮންސަލްޓެންސީ ރޫމެއްވެސް މި އިމާރާތުގައި ހިމެނޭ ގޮތަށެވެ.