ޝަރުޢީދާއިރާގެ ޢުމްރާނީ ތަރައްޤީގައި ކާމިޔާބު އަހަރެއް

infrastructure-2016-02

2016 ވަނަ އަހަރަކީ ޢުމްރާނީގޮތުން ޝަރުޢީދާއިރާ ގިނަގުނަ ހަރުފަތްތައް ގިރާކުރި އަހަރެކެވެ. އަދި، ހަމައެހެންމެ، ޒަމާނަށް އަންނަ ބަދަލުތަކާއި އެއްހަމައެއްގައި ފައިތިލަ ސާބިތުކޮށް ރައްޔިތުންނަށް ވީހާވެސް ގާތުން އިންސާފު ފޯރުކޮށްދިނުމަށްޓަކައި، ކޯޓުތަކަށް ޖާގަ ހަމަޖެއްސުމާއި، ކޯޓު ޢިމާރާތްތަކުގެ  އާބާތުރަ ފިލުވުމާއި، އައު ކޯޓު ޢިމާރާތްތައް ބިނާކުރުމުގެ މަސައްކަތުގައި ޝަރުޢީދާއިރާ މިއަހަރުގެ މިހާތަނަށް ނިންމާފައިވާ މަޝްރޫޢުތަކަށް ބަލާއިރު މި އަހަރަކީ ފާއިތުވި އަހަރުތަކާ އަޅައި ބަލާއިރު އުމްރާނީ ތަރައްޤީގެ ދުވެލި ހަލުވިމިނެއްގައި ގެންދެވުނު އަހަރެކެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ކުރިއަށްގެންދާ މަޝްރޫޢުތައް ކުރިއަށް ގެންދިއުމުގައި އެންމެ ބޮޑު ގޮންޖެހުމަކަށްވެފައިވަނީ މަޝްރޫޢުތަކަށް ޚަރަދުކުރާނެ ފައިސާގެ ކަންތައްތައް ހަމަޖެއްސުމާއި، ރާއްޖޭގެ އުތުރުން ދެކުނަށް ހުރި ޝަރުޢީދާއިރާގެ 100 އަށްވުރެ ގިނަ ޢިމާރާތްތައް ބެލެހެއްޓުމާއި އާބާތުރަ ފިލުވުމާއި، އައު ޢިމާރާތްތައް ބިނާކުރުމުގެ މަސައްކަތް އެއް ފަހަރާއި ކުރިއަށް ގެންދިއުމެވެ. ނަމަވެސް، މި ފަދަ ގޮންޖެހުންތަކަށް އެކަށީގެންވާ ހައްލުހޯދައި، 2016 ވަނަ އަހަރުގެ އެކްޓިވިޓީ ކަލަންޑަރާ އެއްގޮތަށް ޝަރުޢީދާއިރާއިން ކުރިއަށް ގެންދާ މަޝްރޫޢުތައް ކާމިޔާބުކަމާއެކު ނިންމާލެވޭނެކަމަށް ލަފާކުރެވެއެވެ. 

އިތުރަށް ވިދާޅުވުމަށް...

15 މެޖިސްޓްރޭޓް ކޯޓުގެ އައު އިމާރާތުގެ މަސައްކަތް ދަނީ ކުރިޔަށް

infra

ޝަރުޢީ ދާއިރާގެ އިންފްރަރސްޓްރަކްޗަރ ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން 15 މެޖިސްޓްރޭޓް ކޯޓުގެ އައު އިމާރާތުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. ގާތްގަނޑަކަށް 16 މިލިއަން ރުފިޔާގެ މި ޕްރޮޖެކްޓްތަކަކީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ބަލަހައްޓަމުންދާ ޕްރޮޖެކްޓްތަކެކެވެ. ކަނޑައެޅިފައިވާ ޝެޑިއުލްއާ އެއްގޮތަށް މަސައްކަތް ކުރިޔަށްދާ ނަމަ މި 15 ޕްރޮޖެކްޓްގެ މަސައްކަތް މި ހިނގާ 2016 ވަނަ އަހަރު ނިމި، ކޯޓުގެ މަސައްކަތްތައް އައު އިމާރާތަށް ބަދަލުކުރެވޭނެއެވެ.

އިތުރަށް ވިދާޅުވުމަށް...

ޖަސްޓިސް ބިލްޑިންގް ރީތިކުރުމުގެ ފުރަތަމަ ފިޔަވަހި ނިމިއްޖެ

justice

ޖަސްޓިސް ބިލްޑިންގްގެ އާބާތުރަ ފިލުވުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ފަށާފައިވާ މަސައްކަތުގެ ފުރަތަމަ ފިޔަވަހި މިއަދު ނިމިއްޖެއެވެ. މިފިޔަވަހީގައި ޖަސްޓިސް ބިލްޑިންގްގެ ބޭރުގައި ކުލަލުމާއި، ބޭރު ރަނގަޅު ފެންވަރަކަށް ދިއްލުމާއި، ސަލާމަތީ ފިޔަވަޅު ރަނގަޅުކުރުމަށް ސެކިއުރިޓީ ކެމެރާތައް ބެހެއްޓުން ހިމެނެއެވެ. އަދި ޖަސްޓިސް ބިލްޑިންގްގެ ފުއްކަފަ ގޯޅީގެ އެންޓްރެންސް މަރާމާތުކޮށް، ނަންބޯޑުތައް ޖަހައި، ނަންއެޅުމުގެ މަސައްކަތްވެސް މިފިޔަވަހީގައި ވަނީ ނިމިފައެވެ.

އިތުރަށް ވިދާޅުވުމަށް...

ޅ.ނައިފަރު މެޖިސްޓްރޭޓް ކޯޓުގެ އައު އިމާރާތުގެ ފައިނަލް އިންސްޕެކްޝަން ހެދުމަށް ޑީ.ޖޭ.އޭ ގެ ޓީމެއް ޅ.ނައިފަރުގައި

12ޅ.ނައިފަރު މެޖިސްޓްރޭޓް ކޯޓުގެ ހިންގުން އައު އިމާރާތަށް ބަދަލުކުރުމުގެ ކުރިން އިމާރާތުގެ ފައިނަލް އިންސްޕެކްޝަން ހެދުމަށްޓަކައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ ޓީމެއް ޅ.ނައިފަރުގައި މިހާރު ދަނީ ޙަރަކާތްތެރިވަމުންނެވެ. މި ޓީމުގައި ހިމެނިވަޑައިގަންނަވަނީ ޅ.ނައިފަރު މެޖިސްޓްރޭޓް ކޯޓުގެ އައު އިމާރާތުގެ ޕްރޮޖެކްޓް އޮފިސަރު ކަމަށްވާ އެޑްމިނިސްޓްރޭޓިވް އޮފިސަރ ޢަބްދުލްވާޙިދު އިބްރާހީމް އާއި ޑިޕާޓްމަންޓުގެ ސީނިއަރ ނެޓްވޯރކް އިންޖިނިއަރ ހުސައިން ވަޙީދު އާއި ސީނއަރ ކޮމްޕިއުޓަރ ޕްރޮގްރާމަރ ޢަލީ އާދަމް އެވެ.

އިތުރަށް ވިދާޅުވުމަށް...

މ.މުލަކު މެޖިސްޓްރޭޓް ކޯޓުގެ އައު އިމާރާތުގެ މަސައްކަތު އެއްބަސްވުމުގައި ސޮއިކޮށްފި

IMG 0853

މ.މުލަކު މެޖިސްޓްރޭޓް ކޯޓަށް  ދިމާވެފައިވާ ޖާގައިގެ ދަތިކަން ޙައްލުކުރުމުގެ ގޮތުން އިމާރާތްކުރުމަށް ހަމަޖެހިފައިވާ އެކޯޓުގެ އައު ޢިމާރާތުގެ މަސައްކަތު އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. މި މަސައްކަތް ޙަވާލުކޮށްފައިވަނީ މި ޢިމާރާތްކުރުމަށްޓަކައި ކުރި ޓެންޑަރ ކާމިޔާބުކުރި އެސް.ޖޭ ކޮންސްޓްރެކްޝަން އެންޑް ޓްރޭޑް ޕްރައިވެޓް ލިމިޓެޑާއެވެ.

އިތުރަށް ވިދާޅުވުމަށް...

ހައްދުންމަތީ ދަނބިދޫ މެޖިސްޓްރޭޓް ކޯޓް އިމާރާތް އެޅުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ހައްދުންމަތީ ދަނބިދޫ މެޖިސްޓްރޭޓް ކޯޓަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ޙައްލުކުރުމަށްޓަކައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީ.ޖޭ.އޭ) ގެ ފަރާތުން ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ މެޖިސްޓްރޭޓް ކޯޓް ޢިމާރާތް ކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު 29 ސެޕްޓެމްބަރ 2015 ގައި ހައްދުންމަތީ ފޮނަދޫ މެޖިސްޓްރޭޓް ކޯޓުގައި ބާއްވައިފިއެވެ.

އިތުރަށް ވިދާޅުވުމަށް...

ކޯޓު ކޮމްޕްލެކްސް އިމާރާތުގެ ކުރެހުމުގެ މަސައްކަތްނިމި ފެށޭއަހަރުގެ ޖެނުއަރީމަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި ޓެންޑަރ ބޯޑަށް ފޮނުވާލެވޭނެ

ސުޕީރިއަރ ކޯޓުތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށްޓަކައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ ފަރާތުން އިމާރާތްކުރަން ހަމަޖެހިފައިވާ 14 ބުރީގެ ކޯޓު ކޮމްޕްލެކްސް ޢިމާރާތުގެ ކުރެހުމާއި ބީއޯކިއު އަދި ޓެންޑަރ ޑޮކިއުމަންޓްސްގެ މަސައްކަތް ނިންމުމަށް ކުރަންޖެހޭ އެންމެ ފަހުގެ މަސައްކަތްތައް ކުރިޔަށްދާކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން މަޢުލޫމާތު ދެއްވައިފިއެވެ.
މި ޢިމާރާތުގެ ކޮންސެޕްޓް ޑިޒައިންގެ މަސައްކަތް ނިމި މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗަރއިން އެޕްރޫވް ކުރުމާ ގުޅިގެން ޑީޓެއިލްޑް ޑްރޯވިންއާއި އެހެނިހެން ޑޮކިއުމަންޓްސް ތަކުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާކަމަށް މަސައްކަތް ޙަވާލުކުރެވިފައިވާ ފަރާތް ކަމަށްވާ ރިޔަން ޕްރައިވެޓް ލިމިޓެޑުން މަޢުލޫމާތު ދެއްވިއެވެ. އަދި މިއަހަރު ޑިސެމްބަރ މަހުގެ ފަހު ހަފްތާގެ ތެރޭގައި މަސައްކަތް ނިންމާ ޙަވާލުކުރާނެކަމަށްވެސް މަޢުލޫމާތު ދެއްވިއެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ ފަރާތުން ވިދާޅުވެފައި ވަނީ، 2015 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި މަސައްކަތް ނިމި ޓެންޑަރ ބޯޑަށް ފޮނުވޭނެކަމަށެވެ.

ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓު އިމާރާތުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފި

 

8 ފެބްރުއަރީ 2012 ގައި ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓު އަންދާލުމާގުޅިގެން އެކޯޓަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށްޓަކައި އާއިމާރާތެއް އެޅުމުގެ ކޮންޓްރެކްޓްގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި ބީ.އޭ.ޕީ.ސީ އެންޑް ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑާއި ދެމެދު ސޮއިކުރެވެއްޖެއެވެ.

މިމަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބޭއްވިފައިވަނީ 15 ސެޕްޓެމްބަރ 2014 ވަނަ ދުވަހު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގައެވެ. ޑިޕާޓްމަންޓްގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ޑިރެކްޓަރ ޖެނެރަލް އައްޝައިޚް އިބްރާހިމް ވަޙީދު ޢަލީއެވެ. ބީ.އޭ.ޕީ.ސީ އެންޑް ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް މުޙައްމަދު އަބުދުﷲއެވެ.

މި މަޝްރޫޢަށް ކޮންސަލްޓެންސީ ދެއްވާނީ މިނިސްޓްރީ އޮފް ހައުސިންގ އިންފްރާސްޓްރެކްޗަރގެ ފަރާތުންނެވެ.
ގދ. ތިނަދޫގައި ޢިމާރާތްކުރެވޭ މެޖިސްޓްރޭޓް ކޯޓުގެ ޢިމާރާތުގެ މަސައްކަތުގެ ޖުމްލަ އަގަކީ 7,003,911.70 (ހަތްމިލިއަން ތިންހާސް ނުވަސަތޭކަ އެގާރަރުފިޔާ ހަތްދިހަލާރި) އެވެ. މަސައްކަތް ނިންމަން ކަނޑައެޅިފައިވާ މުއްދަކީ 170 (ސަތޭކަ ހަތްދިހަ) ދުވަހުގެ ތެރޭގައެވެ.

ގދ. ތިނަދޫގައި އިމާރާތްކުރެވޭ މިކޯޓަކީ ޒަމާނީ ފެންވަރަށް، ގިނަ ވަސީލަތްތަކެއް ހިމެނޭ ގޮތަށް ފަރުމާ ކުރެވިފައި ވާ ކޯޓެކެވެ. އެގޮތުން، މި ކޯޓުގައި ސްޓޭންޑަރޑައިޒް ކުރެވިފައި ވާ ތިން ކޯޓްރޫމް ހުންނާނެއެވެ. އަދި ކޯޓްރޫމްތަކުގައި އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސްގެ ވަސީލަތްތައް ވެސް ގާއިމު ކުރެވިފައި ހުންނާނެއެވެ. ތިން މެޖިސްޓްރޭޓުންނަށް މަސައްކަތްކުރެވޭގޮތަށް އިމާރާތްކުރެވޭ މިކޯޓުގައި ކޮންފަރެންސް ހޯލަކާއި، ވަކީލުންނަށް ޙާއްސަ ކޮޓަރިއަކާއި، ބަންދު މީހުން ބޭތިއްބުމަށް ކަނޑައެޅިފައިވާ ބައެއް ހިނެމޭނެއެވެ. މީގެ އިތުރުން ފަންސަވީސް މުވައްޒަފުނަށް މަސައްކަތް ކުރެވޭގޮތަށް އިމާރާތްކުރެވޭ މިކޯޓުގައި އަރުޝީފަކާއި ސްޓޯރޫމަކާއި އަދި މެޖިސްޓްރޭޓް އެކޮމެޑޭޝަން ރޫމެއްވެސް ހިމެނޭނެއެވެ.

މިކޯޓަކީ 8 ފެބްރުއަރީ 2012 ވަނަ ދުވަހު އަންދާލި ކޯޓުތަކުގެ ތެރެއިން ފުރަތަމަ އިމާރާތްކުރެވޭ ކޯޓެވެ. މިކޯޓު ހުޅުވާފައިވަނީ 23 ޑިސެމްބަރ 2006 ގައެވެ. މިކޯޓު އިމާރާތްކުރުމަށް ޖުމްލަ 1,655,790.79 (އެއްމިލިއަން ހަލައްކަ ފަންސާސްފަސްހާސް ހަތްސަތޭކަ ނުވަދިހަރުފިޔާ ހަތްދިހަނުވަލާރި) ޚަދަރު ކުރެވިފައިވާއިރު، ކޯޓު އަންދާލުމުގެ ސަބަބުން ދައުލަތަށް ދެމިލިޔަށް ރުފިޔާގެ ގެއްލުންވެފައިވާކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ރެކޯޑުތަކުން ދައްކައެވެ.

ލ. މާވަށު މެޖިސްޓްރޭޓް ކޯޓު އިމާރާތުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފި

 

ލ. މާވަށު މެޖިސްޓްރޭޓް ކޯޓަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށްޓަކައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ ފަރާތުން އިމާރާތްކުރަން ހަމަޖެހިފައިވާ މެޖިސްޓްރޭޓް ކޯޓު އިމާރާތް ކުރުމުގެ މަސައްކަތް ނަލަހިޔާ ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކޮށްފިއެވެ.

މިމަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމީޔާތު ބޭއްވިފައިވަނީ މިއަދު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގައެވެ. ޑިޕާޓްމަންޓްގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް ޚާލިދު ޤާސިމެވެ. ނަލަހިޔާ ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ކުންފުނީގެ ޑިރެކްޓަރ އަލްފާޟިލް މުޙައްމަދު ޖަލާލް އިބްރާހިމެވެ.

މި މަޝްރޫޢަށް ކޮންސަލްޓެންސީ ދެއްވާނީ އޮފީސް އޮފް ޕްރޮގްރާމްސް އެންޑް ޕްރޮޖެކްޓް (އޯ.ޕީ.ޕީ) ގެ ފަރާތުންނެވެ.
ލ. މާވަށުގައި ޢިމާރާތްކުރެވޭ މެޖިސްޓްރޭޓް ކޯޓުގެ ޢިމާރާތުގެ މަސައްކަތުގެ ޖުމްލަ އަގަކީ 4,492,114.39 (ހަތަރުމިލިއަން ހަތަރުލައްކަ ނުވަދިހަދެހާސް އެއްސަތޭކަ ސާދަރުފިޔާ ތިރީސްނުވަލާރި) އެވެ. މަސައްކަތް ނިންމަން ކަނޑައެޅިފައިވާ މުއްދަކީ 150 (ސަތޭކަ ފަންސާސް) ދުވަހެވެ

11 މެޖިސްޓްރޭޓް ކޯޓެއްގެ އިމާރާތުގެ މަސައްކަތް ކުރިޔަށް ދާ ކަމަށް ޑީޖޭއޭއިން މައުލޫމާތު ދެއްވައިފި

ދިވެހިރާއްޖޭގެ ކޯޓުތަކަށް ދިމާވެފައި ވާ ޖާގައިގެ ދަތިކަމުގެ މައްސަލަ ހައްލު ކުރުމަށް ޓަކައި ކުރިޔަށް ގެންދެވޭ މަޝްރޫއުތަކުގެ ދަށުން، މި ވަގުތު 11 ރަށެއްގެ މެޖިސްޓްރޭޓް ކޯޓު އިމާރާތުގެ މަސައްކަތް ކުރިޔަށް އެބަ ގެންދަވާ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން މައުލޫމާތު ދެއްވައިފިއެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ ފަރާތުން ވިދާޅުވެފައި ވަނީ، ލ. ގަމު މެޖިސްޓްރޭޓް ކޯޓާއި، ނ. ކެނދިކުޅުދޫ މެޖިސްޓްރޭޓް ކޯޓާއި، ޅ. ނައިފަރު މެޖިސްޓްރޭޓް ކޯޓާއި، ހދ. ވައިކަރަދޫ މެޖިސްޓްރޭޓް ކޯޓާއި، ގދ. ނަޑައްލާ މެޖިސްޓްރޭޓް ކޯޓާއި، ލ. މާބައިދޫ މެޖިސްޓްރޭޓާއި، ގއ. ނިލަންދޫ މެޖިސްޓްރޭޓް ކޯޓާއި، އދ. ފެންފުށީ މެޖިސްޓްރޭޓް ކޯޓާއި، ހއ. މާރަންދޫ މެޖިސްޓްރޭޓް ކޯޓާއި، ރ. ރަސްމާދޫ މެޖިސްޓްރޭޓް ކޯޓާއި، ގއ. ކޮނޑޭ މެޖިސްޓްރޭޓް ކޯޓުގެ މަސައްކަތް މިހާރު ކުރިޔަށް ދާ ކަމަށެވެ.

އަލަށް އިމާރާތް ކުރެވޭ ކޯޓުތަކަކީ ޒަމާނީ ފެންވަރަށް، ގިނަ ވަސީލަތްތަކެއް ހިމެނޭ ގޮތަށް ފަރުމާ ކުރެވިފައި ވާ ކޯޓުތަކެކެވެ. އެގޮތުން، މި ކޯޓުތަކުގައި ސްޓޭންޑަރޑައިޒް ކުރެވިފައި ވާ ކޯޓްރޫމްތަކެއް ހުންނާނެއެވެ. އެ ކޯޓްރޫމްތަކުގައި އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސްގެ ވަސީލަތްތައް ވެސް ގާއިމު ކުރެވިފައި ހުންނާނެއެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން މައުލޫމާތު ދެއްވި ގޮތުގައި، މިހާރު މަސައްކަތް ކުރިޔަށް ދާ 11 ކޯޓުގެ އިމާރާތް ވެސް މި ހިނގާ 2014 ވަނަ އަހަރު ނިމުމުގެ ކުރީން ފުރިހަމަ ކުރެވޭނެއެވެ. ޑިޕާޓްމަންޓުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، މީގެ ތެރެއިން ގިނަ ކޯޓުތަކުގެ އިމާރާތުގެ މައިގަނޑު މަސައްކަތްތައް ނިމި، މިހާރު ކުރެވެމުން ދަނީ އިމާރާތް ފުރިހަމަ ކުރުމަށް ޓަކައި ކުރާން ޖެހޭ މަސައްކަތްތަކެވެ.

މިހާރު މަސައްކަތް ކުރެވެމުން ދާ 11 ކޯޓު އިމާރާތުގެ މަސައްކަތަށް ޖުމުލަ 24,282,138.06 ރުފިޔާ ޚަރަދު ވާ ކަމަށް ވެސް ޑީޖޭއޭގެ އޮފިޝަލް މައުލޫމާތު ދެއްވިއެވެ.
މިހާރު ކުރިޔަށް ދާ ކޯޓު އިމާރާތްތަކުގެ މަޝްރޫއުތަކުގެ އިތުރުން، ކުރީން މަސައްކަތް ފެށިފައި ހުރި ކޯޓުތަކުގެ ތެރެއިން 5 ކޯޓެއްގެ އިމާރާތުގެ މަސައްކަތް 2014 ވަނަ އަހަރުގެ ފުރަތަމަ 6 މަސް ދުވަހުގެ ތެރޭގައި ފުރިހަމަ ކުރެވި، އެ އިމާރާތްތައް ވަނީ ބޭނުން ކުރެވޭން ފެށިފައެވެ. އެއީ ފ. މަގޫދޫ މެޖިސްޓްރޭޓް ކޯޓާއި، ދ. މާއެނބޫދޫ މެޖިސްޓްރޭޓް ކޯޓާއި، ބ.ދަރަވަންދޫ މެޖިސްޓްރޭޓާއި، ކ. ގުޅީ މެޖިސްޓްރޭޓް ކޯޓާއި، ކ. ގާފަރު މެޖިސްޓްރޭޓް ކޯޓެވެ.

އިމާރާތުގެ މަސައްކަތް މިހާރު ކުރެވެމުން ދާ ކޯޓުތަކުގެ އިތުރުން، 7 މެޖިސްޓްރޭޓް ކޯޓެއްގެ އިމާރާތުގެ މަސައްކަތް ބީލަމަށް ލުމަށް ޓަކައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް ފޮނުވިފައި ވާ ކަމަށް ވެސް ޑީޖޭއޭގެ އޮފިޝަލް ވިދާޅުވިއެވެ. ބީލަމަށް ފޮނުވިފައި ވަނީ ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓާއި، ކ. ގުރައިދޫ މެޖިސްޓްރޭޓް ކޯޓާއި، ތ. ގުރައިދޫ މެޖިސްޓްރޭޓް ކޯޓާއި، ރ. އިނގުރައިދޫ މެޖިސްޓްރޭޓް ކޯޓާއި، ލ. މާވަށު މެޖިސްޓްރޭޓް ކޯޓާއި، ދ. މީދޫ މެޖިސްޓްރޭޓް ކޯޓާއި، ލ. އިސްދޫ މެޖިސްޓްރޭޓް ކޯޓަށް އިމާރާތް ހެދުމުގެ މަޝްރޫއުތަކެވެ.
ކޯޓު އިމާރާތުގެ ވަށައި ފާރު ރޭނުމުގެ މަސައްކަތް މި ވަގުތު 6 މެޖިސްޓްރޭޓް ކޯޓެއްގައި ކުރިޔަށް ދާ ކަމަށް ވެސް ޑީޖޭއޭގެ ފަރާތުން މައުލޫމާތު ދެއްވިއެވެ. މި މަޝްރޫއަކީ 1,894,712.94 ރުފިޔާ ޚަރަދު ކޮށްގެން ހިންގޭ މަޝްރޫޢެކެވެ.