ހައިކޯޓުގެ ސަރަޙައްދީ ގޮފިތައް އުފެދުނުފަހުން އެސަރަޙައްދުތަކުން އިސްތިއުނާފަށް ހުށަހެޅި މައްސަލަތަކުގެ އަދަދު މިއަހަރުގެ މިހާތަނަށް %119 އިތުރުވެއްޖެ

HCstat1

ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ ދަށުން ދިވެހިރާއްޖޭގެ އުތުރާއި ދެކުނުގައި ހައިކޯޓުގެ ސަރަޙައްދީ ގޮފިތައް ޤާއިމުކުރާ ގޮތަށް ހަމަޖެހުނު ފަހުން އެސަރަޙައްދުތަކުން އިސްތިއުނާފަށް ހުށަހެޅި މައްސަލަތަކުގެ އަދަދު މިއަހަރުގެ މިހާތަނަށް %119 އިތުރުވެއްޖެ އެވެ.

ހައިކޯޓުގެ ދެކުނު ގޮފި ޤާއިމުކުރެވިފައިވަނީ ރާއްޖޭގެ ދެކުނުން އައްޑު އަތޮޅުގެ ހުޅުމީދޫ ގައެވެ. ހައިކޯޓުގެ އުތުރު ގޮފި ޤާއިމުކުރެވިފައިވަނީ ރާއްޖޭގެ އުތުރުން ހދ.ކުޅުދުއްފުށީގައެވެ.

ހައިކޯޓުގެ ސަރަޙައްދީ ގޮފިތަކުގެ ތަފާސްހިސާބުތަކަށް ބަލާއިރު:

 2015 ވަނަ އަހަރުގެ ތެރޭގައި ހައިކޯޓު ދެކުނު ގޮފި ނިސްބަތްވާ ސަރަޙައްދުން 28 މައްސަލަ ހުށަހަޅާފައިވާއިރު، 2016 ވަނަ އަހަރުގެ މިހާތަނަށް 87 މައްސަލަ އެގޮތްޕަށް ހުށަހަޅާފައިވެއެވެ. އެގޮތުން ހައިކޯޓް ދެކުނު ގޮއްޕަށް ޖުމްލަ 115 މައްސަލަ މިހާތަނަށް ހުށަހަޅާފައިވާއިރު އެމައްސަލަތަކުގެ ތެރެއިން 80 މައްސަލަ ވަނީ ނިންމާފައެވެ.

 ހައިކޯޓުގެ އުތުރު ގޮފި ނިސްބަތްވާ ސަރަޙައްދުން މިއަހަރުގެ މިހާތަނަށް ޖުމްލަ 70 މައްސަލަ ހުށަހަޅާފައިވެއެވެ.

މި ތަފާސްހިސާބުތަކުން ދެ ނަތީޖާއެއް ދައްކައިދެއެވެ.

1. ހައިކޯޓުގެ ސަރަޙައްދީ ގޮފިތައް ޤާއިމު ކުރާގޮތަށް ހަމަޖެހި، އެކަން އިޢުލާން ކުރެވުމާއެކު ރައްޔިތުން ޢަދުލްއިންޞާފު ހޯދުމަށް ބޭނުންވާ މިންވަރު އިތުރުވެގެން ދިޔަކަން.

2. ހައިކޯޓުގެ ސަރަޙައްދީ ގޮފިތައް ފިޒިކަލީ ޤާއިމުކުރެވުމުން ރައްޔިތުން ޢަދުލްއިންޞާފު ހޯދުމަށް ބޭނުންވާ މިންވަރު ކުރިޔަށްވުރެ އިތުރުވެގެން ދިޔަކަން.

މާލޭގައި ޤާއިމުކޮށްފައިވާ ހައިކޯޓުގެ ތަފާސްހިސާބުތަކަށް ބަލާއިރު:

HCstat2

 ހައިކޯޓުގެ މީލާދީ އަހަރު ފެށުނީ 322 މައްސަލައާއެކުގައެވެ. މިހާތަނަށް 212 މައްސަލަ އެކޯޓުން ވަނީ ނިންމާފައެވެ. އަދި އިތުރު 383 މައްސަލަ މިއަހަރު އެކޯޓަށް ވަނީ ހުށަހަޅާފައެވެ. 

މާލޭގައި ޤާއިމުކޮށްފައިވާ ހައިކޯޓަށް ނިސްބަތްވާ ސަރަޙައްދު ތެރޭގައި ހިމެނެނީ މާލޭގެ ސުޕީރިއަރ ކޯޓުތަކާއި، ޅ، ކ، އ، ވ މ، ފ، ދ، ތ، ލ އަތޮޅެވެ. ހައިކޯޓު ދެކުނު ގޮފި ނިސްބަތްވާ ސަރަޙައްދު ތެރޭގައި ހިމެނެނީ ގއ، ގދ، ޏ އަދި ސ އަތޮޅެވެ. އަދި އުތުރު ގޮފި ނިސްބަތްވާ ސަރަޙައްދު ތެރޭގައި ހިމެނެނީ ހއ، ހދ، ށ، ނ، ރ އަދި ބ އަތޮޅެވެ.

ހައިކޯޓު އުތުރު ގޮފީގެ މަސައްކަތްތައް ރަސްމީކޮށް ފެށުމަށްޓަކައި އެގޮއްޕަށް ޢައްޔަންކުރަންޖެހޭ ފަނޑިޔާރުން ޢައްޔަން ކުރުން ފިޔަވައި، އިދާރީ ގޮތުން ވާންޖެހޭ އެންމެހައި ތައްޔާރީތައް މިހާރު ވަނީ ވެ ނިންމާފައެވެ. އެގޮތުން ހައިކޯޓުގެ އުތުރު ގޮފި ހދ.ކުޅުދުއްފުށީގައި ހިންގުމަށް ހަމަޖެހިފައިވާ އިމާރާތުގެ މަސައްކަތްތައް ނިންމައި، ޝަރީޢަތް ކުރެވޭނެ އިންތިޒާމްތައް ހަމަޖައްސައި، އެގޮފީގެ މަސައްކަތަށް ބޭނުންވާ މުވައްޒަފުން ހަމަޖައްސައި، މުވައްޒަފުންނަށް ތަމްރީން ދީ، އެމުވައްޒަފުން ދަނީ އެގޮފީގައި ޙަރަކާތްތެރިވަމުންނެވެ.