ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ދިރާގާއެކު ވެވުނު އެއްބަސްވުމުގެ ދަށުން ކުރިއަށް ގެންދެވުނު " ނެޓްވޯކް އެންހޭންސްމެންޓް ޕްރޮޖެކްޓް" ނިންމުމުގެ ލިޔުން މިއަދު ދިރާގާއި ހަވާލުކޮށްފި

11.jpg

ޝަރުޢީ ދާއިރާއަކީ ޒަމާނީ ވަޞީލަތްތައް ފަހިވެފައިވާ ދާއިރާއެއްގެ ގޮތުގައި ތަރައްޤީކުރުމަށްޓަކައި ކުރަމުންދާ މަސައްކަތުގެ ތެރެއިން، ޝަރުޢީ ދާއިރާގެ މުވާޞަލާތީ ވިއުގަ އިތުރަށް ތަރައްޤީކޮށް، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި ކޯޓުތައް، އިންޓަގްރޭޓެޑް ކޮމިއުނިކޭޝަން ނެޓްވަރކަކުން ގުޅައިލައި، ކޯޓުތަކުގައި ޔުނިފައިޑް ކޮމިއުނިކޭޝަން އެންހޭންސްމަންޓް ސޮލިއުޝަނެއް ޤާއިމުކުރުމަށް ޓަކައި، 2016 ވަނަ އަހަރުގެތެރޭގައި ދިރާގާއެކު ވެވުނު އެއްބަސްވުމުގެ ދަށުން ކުރިއަށް ގެންދެވުނު " ނެޓްވޯކް އެންހޭންސްމެންޓް ޕްރޮޖެކްޓް" ނިންމުމުގެ ލިޔުން ޙަވާލުކުރެއްވުމަށްޓަކައި 22 ސެޕްޓެމްބަރ 2020 ވީ އަންގާރަ ދުވަހު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގައި ޙަފްލާއެއް ބާއްވަވައިފިއެވެ. މިލިޔުން ދިރާގުގެ ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް  އިސްމާޢީލް ރަޝީދުއާއި ހަވާލުކޮށްދެއްވީ ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ޑރ. ޢަބްދުﷲ ނަޒީރެވެ.

މި ޕްރޮޖެކްޓު ކުރިއަށް ގެންގޮސްފައިވަނީ ޖުމަލް 2 ފިޔަވައްސަކަށް ބަހާލެވިގެންނެވެ. ދިވެހިރާއްޖޭގެ ގުޅުން ޕަބްލިކް ލިމިޓެޑާއި (ދިރާގު) ގުޅިގެން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އިން ކުރިޔަށް ގެންދިޔަ ނެޓްވޯކް އެންހޭންސްމެންޓް ޕްރޮޖެކްޓްގެ ދަށުން ހުރިހާ ރަށެއް، އިންޓަގްރޭޓެޑް ކޮމިއުނިކޭޝަން ނެޓްވަރކަކުން ގުޅާލެވިފައިވެއެވެ. މިމަޝްރޫޢުގެ ދަށުން ގުޅާލާފައިވާ މެޖިސްޓްރޭޓް ކޯޓުގައި ޔުނިފައިޑް ކޮމިއުނިކޭޝަން އެންހޭންސްމަންޓް ސޮލިއުޝަނެއް ދިރާގުން ވަނީ ޤާއިމުކޮށްފައެވެ. އެގޮތުން ހައި ސްޕީޑް ލިންކެއް އެ ކޯޓު ތަކާއި، ޑިޕާޓްމަންޓާއިދެ މެދު ޤާއިމްކޮށް، އިންޓްރާނެޓް، އިންޓަނެޓް، އަދި ކްލައުޑް ވޮއިސްގެ ޚިދުމަތް ދޭން ވަނީ ފަށާފައެވެ. މިއީ ރާއްޖޭގައި ޤާއިމްކުރެވޭ މިފަދަ އެންމެ ފުރަތަމަ އަދި އެންމެ ބޮޑު ވައިޑްއޭރިއާ ވިއުގައެވެ.

މި މަޝްރޫޢުގެ ދަށުން މައިގަނޑު ތިން ޚިދުމަތެއް ދިރާގުން ފޯރުކޮށްދޭގޮތަށް ހަމަޖެހުނެވެ. އެއީ، ވައިޑް އޭރިއާ ނެޓްވޯކް، ކްލައުޑް ވޮއިސް އަދި ހައި ސްޕީޑް އިންޓަރނެޓް ޚިދުމަތެވެ. މި މަޝްރޫޢުގެ ދަށުން، މި ވިއުގައިގައި ހިމެނޭ ތަންތަނުގެ މުވާޞަލާތު ބަދަލުވެގެންދާނީ އައި.ޕީ ފޯން ނެޓްވޯރކަކަށެވެ. އަދި މި މަޝްރޫޢުގެ ދަށުން އިންޓަގްރޭޓެޑް ކޮމިއުނިކޭޝަން ނެޓްވަރކަކުން ގުޅާލެވޭ  ކޯޓާއި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާ ދެމެދު ހައިސްޕީޑް އިންޓްރާނެޓް ލިންކެއް ޤާއިމްކުރެވި، އެކަށީގެންވާ ބޭންޑްވިތެއްގައި އިންޓަނެޓްގެ ޚިދުމަތް ކަށަވަރުވެގެންދިޔުމުން ފެކްސް ފޮނުވުން ހުއްޓުމަކަށް އައިސް، ޝަރުޢީ ދާއިރާގެ މައި ސޮފްޓްވެއަރ މޯލްޑިވްސް އީ-ކޯޓް މެނޭޖްމަންޓް ސިސްޓަމް މެދުވެރިކޮށް ޑޭޓާ ބަދަލުކުރުމުގެ އިންތިޒާމްތައް ވަނީ ހަމަޖެހިގެންގޮއްސައެވެ. އަދި މި ޕްރޮޖެކްޓްގެ ދަށުން މިނެޓްވޯކްގައި ހިމެނޭ ކޯޓުން ސަރުކާރުގެ އީ-ގަވަރމަންޓް ނެޓްވޯކަށް އެކްސެސް ވެވޭނެ އިންތިޒާމްވެސްވަނީ ހަމަޖެހިގެންގޮއްސައެވެ. މީގެ ކުރިން މެޖިސްޓްރޭޓް ކޯޓު ތަކުގެ ތެރެއިން ޖެމްސްގެ ޚިދުމަތް ލިބެނީ ހަމައެކަނި އަތޮޅު ވެރިކަން ކުރާ ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކަށް އެކަންޏެވެ.

ދިވެހިރާއްޖެއަށް މިވަގުތު ދިމާވެފައިމިވާ ހިތާމަވެރި ކޮވިޑްގެ ހާލަތުގައިވެސް މި ނެޓްވޯކްގެ ސަބަބުން، ޝަރުއީދާއިރާގެ މުވައްޒަފުންނަށް ގޭގައި ތިބެގެން ފަސޭހަކަމާއެކު މަސައްކަތްކުރެވޭނެ މަގު ވަނީ ފަހިވެގެން ގޮސްފައެވެ. މި ޕްރޮޖެކްޓުގެ މަސައްކަތް އެންމެ ފުރިހަމަ ގޮތުގައި ހާސިލް ކުރުމަށްޓަކައި، ދިވެހިރާއްޖޭގެ ގުޅުން ޕަބްލިކް ލިމިޓެޑްގެ ޓީމުތަކާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ އައި.ޓީ ޓީމުން ދިވެހިރާއްޖޭގެ ހުރިހާ ރަށެއްގެ ކޯޓުތަކަށް ޒިޔާރަތްކޮށް ފުރިހަމަ މަސައްކަތްތަކެއް ކޮށްފައިވެއެވެ.

މި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ޑރ.ޢަބްދުﷲ ނަޒީރު ވިދާޅުވީ، މި ޕްރޮޖެކްޓަކީ މުޅި ޖުޑީޝަރީއަށްވެސް ޙާސިލްކުރެވުނު ވަރަށްބޮޑު މައިލްސްޓޯނެއްކަމަށާއި، މިއީ ޖުޑީޝަރީގެ ކަންކަން އެންމެ ފުރިހަމަގޮތުގައި ކުރުމަށާއި ކޯޓުތަކުގެ އެފިޝިއެންސީ އިތުރުކުރުމަށް އެޅުނު އަސާސީ ބިންގަލެއް ކަމަށާއި އަދި މި ޕްރޮޖެކްޓުގެ އެންމެ ބޮޑު އެއް މަގްސަދަކީ ހަލުވިކަމާއެކު ރައްޔިތުންނާއި ހަމައަށް އަދުލު އިންސާފު ފޯރުކޮށްދިނުން ކަމުގައެވެ. ދެން ކުރަންޖެހެނީ މި ކަމާއިގުޅުންހުރި އިކުއިޕްމަންޓްސްތަށް ކޯޓުތަކުގައި ޤާއިމްކޮށް، މުވައްޒަފުންނާއި ފަނޑިޔާރުން މިކަންކަމަށް އަހުލުވެރިކުރުވުން ކަމަށްވެސް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ގެ ވާކަހަފުލުގައިވަނީފާހަގަކުރައްވާފައެވެ. އަދި ކުރިމަގަށް ކުރައްވާ އުއްމީދަކީ ކޮމްޕިއުޓަރ މެދުވެރިކޮށް ކޯޓުތަކަށް މައްސަލަ ހުށަހަޅާ، ބަލައިގަނެ، އަވަސްގޮތެއްގައި ފަސޭހަކަމާއެކު ނިމިގެންދިޔުން ކަމުގައިވެސް ޑރ.ނަޒީރުގެ ވާހަކަފުޅުގައި ދެންނެވިއެވެ. މި ޕްރޮޖެކްޓު ކާމިޔާބުކަމާއެކު ނިންމަވައިދެއްވުމަށް ދިރާގުގެ ބޭފުޅުން ކޮށްދެއްވި ބުރަ، އަވަސް މަސައްކަތުގެ އަގުވަޒަންކުރައްވާ އެބޭފުޅުންނަށް ޑރ.ނަޒީރުވަނީ ޝުކުރު އަދާ ކުރައްވާފައެވެ.

މި ޙަފްލާ ނިމިގެންދިޔައީ ދިރާގުގެ ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް  އިސްމާޢީލް ރަޝީދުގެ ވާހަކަފުޅާއި އެކުގައެވެ. އަލްފާޟިލް  އިސްމާޢީލް ރަޝީދުގެ ވާހަކަފުޅުގައި ދިރާގަށް އިތުބާރުކުރައްވާ މިފަދަ ބޮޑު ޕްރޮޖެކްޓެއްގެ މަސައްކަތް އެފަރާތާއި ހަވާލުކުރެއްވި ކަމަށްޓަކައި ޝުކުރު ދަންނަވާފައިވެއެވެ. އަދި މި މުއްދަތުގެ ތެރޭގައި މެޖިސްޓްރޭޓް ކޯޓުތަކާއި، މާލެ ކޯޓުތަކާއި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އަދި ޖުޑީޝަލް އެކެޑަމީ ހިމެނޭހެން 200 އަށް ވުރެ ގިނަ ތަން އެއްވިއުގައަކުން ގުޅާލެވުމަކީ ވަރަށްބޮޑު އެޗީވްމެންޓެއްކަމަށާއި، ޖުޑީޝަރީގެ މަސައްކަތްތަށް އަވަސްކުރެއްވުމަށް ޕާޓްނަރެއްގެ ހައިސިއްޔަތުން އެބޭފުޅުންނަށް ދެވެންއޮތް ހުރިހާ އެއްބާރުލުމެއް ދެއްވާނެކަމަށްވެސް ވަނީ ވިދާޅުވެފައެވެ. އަދި އުއްމީދުކުރައްވަނީ މި މަސައްކަތްތަކުގެ ސަބަބުން މި ދާއިރާ އިތުރަށް ހަރުދަނާވެ، ހިދުމަތް ލިބިގަންނަ ފަރާތްތަކަށް އިތުރު ފަސޭހަތަކެއް ލިބިގެން ދިއުން ކަމުގައެވެ.