ޝަރުޢީދާއިރާގެ ކޯޓުތަކަށާއި އިދާރާތަކަށް ބޭނުންވާ އައި.ޓީ އިކުއިޕްމަންޓްސް ޔޫ.އެން.ޑީ.ޕީ ގެ ފަރާތުން ހަދިޔާ ކޮށްދެއްވައިފި

ޝަރުޢީދާއިރާގެ ކޯޓުތައް އަދި އިދާރާތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮޖެކްޓަށް އޯޑިއޯ، ވީޑިއޯ އިކުއިޕްމަންޓްސް އަދި މައިކްރޮސޮފްޓް ޓީމްސްގެ ލައިސަންސް މިއަދު ޔޫ.އެން.ޑީ.ޕީ ގެ ފަރާތުން ހަދިޔާކޮށްދެއްވައިފިއެވެ. މި ތަކެތި ހަދިޔާ ކޮށްދިނުމުގެ ރަސްމިއްޔާތު އޮތީ މިއަދު ( 2020 ސެޕްޓެމްބަރ 17) ގައި ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭ.އެސް.ސީ) ގައި ބޭއްވުނު ރަސްމިއްޔާތެއްގައެވެ. ޖޭ.އެސް.ސީ އަށް ހަދިޔާކޮށްދެއްވި ތަކެއްޗާއި ހަވާލުވެ ވަޑައިގަތީ ޖޭ.އެސް.ސީ ގެ ރައީސް ޙިސާން ހުސައިން އެވެ. އަދި ކޯޓުތަކަށް ހަދިޔާކޮށްދެއްވި ތަކެއްޗާއި ހަވާލުވެ ވަޑައިގަތީ ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ޑރ. ޢަބްދުﷲ ނަޒީރެވެ.

ޔޫ.އެން.ޑީ.ޕީ ގެ ފަރާތުން އޯޑިއޯ ވީޑިއޯ އިކުއިޕްމަންޓްސް ހަދިޔާ ކޮށްދެއްވި ކޯޓުތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު، ދިވެހިރާއްޖޭގެ ހައިކޯޓު، ކްރިމިނަލް ކޯޓު، ފެމިލީ ކޯޓު، ސިވިލް ކޯޓު، ޑްރަގް ކޯޓު އަދި ޖުވެނައިލް ކޯޓު ހިމެނެއެވެ. އަދި ޖުޑީޝަލް ސާރވިސް ކޮމިޝަނަށް ބޭނުންވާ އިކުއިޕްމަންޓްސް ވެސް ވަނީ މިއަދުގެ ރަސްމިއްޔާތުގައި ހަދިޔާ ކޮށްދެއްވާފައެވެ. މީގެ އިތުރުން މައިކްރޮސޮފްޓް ޓީމްސްގެ ލައިސަންސް ޑީ.ޖޭ.އޭ އަށާއި ޖުޑީޝަލް އެކެޑަމީ އަދި މާލެ ކޯޓުތަކަށާއި މެޖިސްޓްރޭޓް ހުރިހައި ކޯޓުތަކަކަށް ވަނީ ހަމަޖައްސަވާ ދެއްވާފައެވެ.