ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ ދިނުމަށްޓަކައި ބާއްވާ މި އަހަރު 03ވަނަ ރަސްމިއްޔާތު މިރޭ ބާއްވައިފި

LawyersOath06-201915.jpg

ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެހުއްދަ ދިނުމުގެ ޤަވާޢިދު (ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2015/SC-RU/03 ރޫލިންގ) ގެ 4 ވަނަ މާއްދާ އާއި 5 ވަނަ މާއްދާ އާ އެއްގޮތްވާ ގޮތުގެމަތީން 28 ފަރާތަކަށް ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ މިރޭ ދެއްވައިފިއެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މިރޭ ބޭއްވި މި ރަސްމިއްޔާތަކީ، ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ ދިނުމަށްޓަކައި މި އަހަރު ބޭއްވުނު 03ވަނަ ރަސްމިއްޔާތެވެ.

LawyersOath06-201907.jpg

LawyersOath06-201903.jpg

މި ރަސްމިއްޔާތު ތަޢާރަފުކޮށް ދެއްވުމުގެގޮތުން ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ޑރ. ޢަބްދުﷲ ނަޒީރު ދެއްކެވި ވާހަކަފުޅުގައި، ޝަރުޢީ ދާއިރާ ކުރިއަރުވައި ތަރައްޤީކުރުމަށްޓަކައި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް ޑރ. އަޙްމަދު ޢަބްދުﷲ ދީދީ އިސްނަންގަވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުގައި އެންމެ ގާތުން އެހީތެރިކަން ފޯރުކޮށްދެވޭނެ ބަޔަކީ ޤާނޫނީ ވަކީލުންކަމަށް ވިދާޅުވިއެވެ. އެހެންކަމުން، ކުރިއަށް އޮތް ފަސްއަހަރު ދުވަހުގެ މުއްދަތަށް ޝަރުޢީ ދާއިރާއިން އެކުލަވައިލައިފައިވާ ރޯޑްމެޕް އެ ގޮތުގައި ތަންފީޒުކުރުމަށް ޓަކައި ޤާނޫނީ ވަކީލުންގެ ފުރިހަމަ ބައިވެރިވުން މުހިންމުމަކަށް ވިދާޅުވިއެވެ.

LawyersOath06-201912.jpg

މި ރަސްމިއްޔާތުގެ ބައިވެރިންނާ މުޚާތަބުކުރައްވައި، ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީގެ ޗާންސެލަރ އަލްއުސްތާޛު އަޙްމަދު މާޖިދު ދެއްކެވި ވާހަކަފުޅުގައި، ޤާނޫނީ ވަކީލުންނަކީ ސުލޫކު ހެޔޮ އަދި މުވައްކިލުންގެ ޙައްޤުތައް ހިމާޔަތްކުރުމަށް މަސައްކަތްކުރާ ބަޔަކަށް ވުމަށް އިލްތިމާސްކުރެއްވިއެވެ. އަދި ވަކީލުންނަކީ އަމިއްލަ މަންފާއަށް މަސައްކަތްކުރާ ބަޔަކަށް ވެގެންނުވާނެކަމަށާއި، ވަކީލުން މަސައްކަތްކުރާންވާނީ މުޖުތަމަޢުގެ ޢާންމު ފަރުދުންގެ ޙާލަތު ދެނެގަނެ ރައްޔިތުންގެ ޙައްޤު އެންމެ ފުރިހަމަގޮތުގައި އަދާކުރާ ބައެއްގެގޮތުގައިކަމަށް ވިދާޅުވިއެވެ.

LawyersOath06-201909.jpg

މިރޭގެ ރަސްމިއްޔާތުގެ ބައިވެރިންނަށް ޤާނޫނީ ވަކީލުކަމުގެ ހުވާ ލައިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ޢަރީފް އެވެ.

މި ރަސްމިއްޔާތުގައި ޤާނޫނީ ވަކީލުކަމުގެ ހުވާ ކުރެއްވި ބޭފުޅުންނަށް ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ ޙަވާލުކޮށްދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް ޑރ. އަހްމަދު ޢަބްދުﷲ ދީދީ އެވެ.

LawyersOath06-201905.jpg

LawyersOath06-201901.jpg

LawyersOath06-201906.jpg

LawyersOath06-201908.jpg

 މިރޭގެ މި ރަސްމިއްޔާތުގައި، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް ޑރ.  އަޙްމަދު ޢަބްދުﷲ ދީދީ އާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިތުރުން، ސުޕީރިއަރ ކޯޓުތަކުގެ އިސް ޤާޟީންނާއި ޝަރުޢީދާއިރާގެ މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ.