ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ ދިނުމަށްޓަކައި ބާއްވާ މި އަހަރު ފުރަތަމަ ރަސްމިއްޔާތު މިރޭ ބާއްވައިފި

OathCeremony01-2019-01.jpeg

ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ ދިނުމުގެ ޤަވާޢިދު (ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2015/SC-RU/03 ރޫލިންގ) ގެ 4 ވަނަ މާއްދާ އާއި 5 ވަނަ މާއްދާ އާ އެއްގޮތްވާ ގޮތުގެމަތީން 104 ފަރާތަކަށް ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ މިރޭ ދެއްވައިފިއެވެ.

މ.ތީމުގޭގައި މިރޭ ބޭއްވި މި ރަސްމިއްޔާތަކީ، ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ ދިނުމަށްޓަކައި މި އަހަރު ބޭއްވުނު ފުރަތަމަ ރަސްމިއްޔާތެވެ.

OathCeremony01-2019-00.jpeg

މި ރަސްމިއްޔާތުގައި، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް ޑރ.  އަޙްމަދު ޢަބްދުﷲ ދީދީއާއި، ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛާ ޢާއިޝަތު ބިޝާމް ޤާނޫނީ ވަކީލުކަމުގެ ހުވާކުރެއްވި ވަކީލުންނާ މުޚާތަބުކުރައްވައި ވާހަކަފުޅުދެއްކެވިއެވެ.

މިރޭގެ ރަސްމިއްޔާތުގެ ބައިވެރިންނަށް ޤާނޫނީ ވަކީލުކަމުގެ ހުވާ ލައިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު އެވެ.

މި ރަސްމިއްޔާތުގައި ޤާނޫނީ ވަކީލުކަމުގެ ހުވާ ކުރެއްވި ބޭފުޅުންނަށް ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ ޙަވާލުކޮށްދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް ޑރ. އަހްމަދު ޢަބްދުﷲ ދީދީއާއި، ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛާ ޢާއިޝަތު ބިޝާމް އާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ޢަރީފް އާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު އާދަމް މުޙައްމަދު ޢަބްދުﷲއާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ދީދީ ގެ އިތުރުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުލްޣަނީ  މުޙައްމަދު އެވެ.

OathCeremony01-2019-02.jpeg

މިރޭގެ ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އިތުރުން، ދިވެހިރާއްޖޭގެ ސުޕީރިއަރ ކޯޓުތަކުގެ އިސް ފަނޑިޔާރުންނާއި، ދައުލަތުގެ ބަންޑާރަނައިބުގެ އޮފީހާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ޤާނޫނީ ވަކީލުންނާއި، ޝަރުޢީ ދާއިރާގެ މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ.