ޤާނޫނީ ވަކީލު ޙުސައިން ޝަމީމްގެ ސަސްޕެންޝަން އުވާލައިފި

2018 ސެޕްޓެންބަރު 13 ވަނަ ދުވަހުން ފެށިގެން ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުން ވަގުތީގޮތުން މަނާކުރެވުނު ޤާނޫނީ ވަކީލު އަލްއުސްތާޛު ޙުސައިން ޝަމީމްގެ ސަސްޕެންޝަން ނިމުމަކަށް ގެނެސް، ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ 2018 ސެޕްޓެންބަރު 26 ވަނަ ދުވަހުން ފެށިގެން ވަނީ އަލުން ދެވިފައެވެ.

ޙުސައިން ޝަމީމްގެ ސަސްޕެންޝަން އުވައިލުމަށް ނިންމަވާފައިވަނީ 2018  ސެޕްޓެންބަރު 01 ވަނަ ދުވަހު ޙުސައިން ޝަމީމްގެ ނަމުގައި ހުޅުވާފައިވާ ޓްވިޓާ (@HuShameem) އެކައުންޓުން ފަނޑިޔާރެއްގެ ހުރުމަތް ކެނޑޭގޮތަށް ކޮށްފައިވާ ޓްވީޓްއާ ގުޅިގެން ޙުސައިން ޝަމީމްއާ ސުވާލުކުރުމުން، އެކަމާ ގުޅިގެން ޙުސައިން ޝަމީމް ދީފައިވާ ބަޔާނަށް ރިޢާޔަތްކޮށް ބެލި ބެލުމުން، ޙުސައިން ޝަމީމް ގެ އެ ޢަމަލަކީ "ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރާ ޤާނޫނީ ވަކީލުންނާބެހޭ ޤަވާޢިދު" ގެ 3.2 ގެ (ހ) އާ ޚިލާފު ޢަމަލަކަށްވާތީ، އެ ޤަވާޢިދުގެ 6 ވަނަ މާއްދާގެ (ނ) ގެ ދަށުން، ދިވެހިރާއްޖޭގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކުގައި ވަކާލާތުކުރުން 13 ސެޕްޓެންބަރު 2018 އިން ފެށިގެން 03 މަސްދުވަހުގެ މުއްދަތަށް މަނާކުރެވިފައިވަނިކޮށް، ޙުސައިން ޝަމީމް، އެކަމަށް މަޢާފަށް އެދި އެފަދަ ކަމެއް މީގެފަހުން ތަކުރާރު ނުވާނެކަމުގެ ޔަޤީންކަންދީ، 2018 ސެޕްޓެމްބަރ 25 ވަނަ ދުވަހު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ސިޓީ ފޮނުވާފައިވާތީ، ކޯޓުތަކާއި ކޯޓުތަކުގެ ފަނޑިޔާރުންގެ ޙުރުމަތް ކެނޑޭފަދަ އެއްވެސްކަމެއް ނުކުރުމަށް ނަޞޭޙަތްތެރިވެ، އެ ފަދަ ކަމެއް އިތުރަށް ތަކުރާރުކޮށްފިނަމަ ދިވެހިރާއްޖޭގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކުގައި ވަކާލާތުކުރުން މަނާކުރެވޭނެކަމުގެ އިންޒާރުދީ، ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ޕްރޮފެޝަނަލްކަމާއެކު މަސައްކަތްކުރުމަށާއި، ކޯޓުގެ ޙުރުމަތާއި ޤަދަރު ގެއްލޭފަދަ ޢަމަލުތައް ތަކުރާރުނުކުރުމަށް ޙުސައިން ޝަމީމްއަށް ނަޞޭޙަތްތެރިވެ، މިގޮތުގެމަތިން ޢަމަލުކުރުމަށް އެންގުމަށް ފަހުގައެވެ.

އިޢުލާން ވިދާޅުވުމަށް