ރަބީޢުލްއާޚިރު މަހުގެ ދެވަނަ ދުވަހަކީ މި ޤައުމަށް އެންމެ ބޮޑު ނަސީބު ލިބުނު ދުވަސް

Maldives Embraced Islam Day 2017

މި ވަޠަނަށް ލިބުނު އެންމެ ބޮޑު ނަސީބު ކަމުގައިވާ އިސްލާމީ ހިދާޔަތުގެ އަލިގަދަ ނޫރު ލިބިގެންދިޔަ ދުވަހަކީ ރަބީޢުލްއާޚިރު މަހުގެ ދެވަނަ ދުވަސް ކަމަށާއި، އަދި 1439ވަނަ އަހަރުގެ ރަބީޢުލްއާޚިރު މަހުގެ ދެވަނަ ދުވަހަކީ، ﷲ ސުބުޙާނަހޫ ވަތަޢާލާގެ ރަޙްމަތްފުޅާއެކު އިސްލާމީ މަތިވެރި ހިދާޔަތުގައި މި ޤައުމު ހޭދަކުރާ 891 އަހަރު ފުރިގެންދާ ދުވަސްކަން ފާހަގަކުރައްވައި، މި ފަދަ ޚާއްޞަ މުނާސަބަތެއްގައި އަޅުގަނޑުމެން އެންމެންގެ ވެސް ދުޢާއަކަށް ވާންވާނީ، މި މަތިވެރި ނިޢުމަތުގައި، އިސްލާމީ މަތިވެރި ހިދާޔަތުގައި، ފާއިތުވެދިޔަ ދިގު މާޒީގައި މި ވަޠަން ލަހައްޓަވައި ދެއްވީތީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙަޟުރަތަށް ހިތުގެ އެންމެ ފުންމިނުން ދުޢާ ދެންނެވުންކަމަށް ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ސަޢީދު ވިދާޅުވެއްޖެއެވެ.

އުއްތަމަ ފަނޑިޔާރު މިހެން ވިދާޅުވީ ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި، ޝަފަރުވެރި މެހުމާނުގެ ގޮތުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

ތާރީޚް ހެކިދޭގޮތުގައި، ރާއްޖޭގެ ރަށްތަކާއި އަތޮޅުތައް އެއްވެރިކަމެއްގެ ދަށުގައި އެއްދައުލަތެއްގެ ގޮތުގައި ހަމަޖެހި ހިންގަން ފަށާފައި ވަނީ މީލާދީން 12ވަނަ ޤަރުނުގެ ކުރީކޮޅުގައެވެ. އެ ދުވަސްވަރު ރާއްޖޭގައި އޮތީ ބުދުދީނެވެ. އެހެންނަމަވެސް، ރާއްޖެއަށް އެ ދުވަސްވަރު ޒިޔާރަތްކުރަމުން ދިޔަ އިސްލާމުންގެ ފަރާތުން ދިވެހީންނަށް ފެންނަމުން ދިޔަ ރިވެތި އަޚުލާޤާއި، އިސްލާމްދީނުގައި އެކުލެވިފައިވާ އެކުވެރިކަމާއި، އުޚުއްވަތްތެރިކަމާއި، ޢަދުލުވެރިކަމާއި، އިންސާފުވެރިކަމުގެ ރިވެތި ނަމޫނާ ވެގެންދިޔައީ އިސްލާމްދީނާ މެދު ދިވެހީންގެ ހިތުގައި ލޯބިޖެހި، އިސްލާމްދީނުގެ ފުރިހަމަކަން ދިވެހިންގެ ގިނަ ބަޔަކަށް ޤަބޫލުކުރެވިގެން ދިޔަ ސަބަބުތަކެއްކަމަށް އުއްތަމަ ފަނޑިޔާރު ފާހަގަކުރެއްވިއެވެ.

ނަތީޖާއެއްގެ ގޮތުން، ޒަމާންތަކެއް ވަންދެން ދިވެހީންގެ މެދުގައި އޮތް ބުދަން އަޅުކަންކުރުން ދޫކޮށް، ދިވެހި ދައުލަތުން އިސްލާމްދީން ޤަބޫލުކޮށް، ދިވެހީން އެ ދީނަށް އެނބުރުނީ ހިޖުރައިން 548ވަނަ އަހަރުގެ ރަބީޢުލްއާޚިރު މަހު، އެ ވަގުތު ދިވެހި ރަސްކަމުގެ ތަޚުތުގައި އިންނެވި ދަރުވަމަވަންތަ ރަސްގެފާނުގެ ވެރިކަމުގައެވެ.

ވޭތުވެދިޔަ 891 އަހަރުގެ ތެރޭގައި، ތަފާތު އެކި ގޮންޖެހުންތައް، ތަފާތު އެކި ސިފަސިފައިގައި ޤައުމުގެ އެތެރެއިންނާއި ބޭރުން ދިވެހީންގެ އަޤީދާއަށް އަމާޒުކޮށް ތަކުރާރުކޮށް އަންނަމުންދާއިރު، އިސްލާމްދީނާއި އިސްލާމީ ޝަރީޢަތުގެ ދިފާޢުގައި ގިނަގުނަ ފިޔަވަޅުތަކެއް ދައުލަތުގެ ފަރާތުން އަޅުއްވާފައިވާކަން އުއްތަމަ ފަނޑިޔާރު ފާހަގަކުރެއްވިއެވެ. ދިވެހިރާއްޖޭގެ މީސްކޮޅު މަދު ނަމަވެސް، އިސްލާމީ ދުނިޔޭގައި ފާހަގަކޮށްލެވޭ އެތަކެއް ކާމިޔާބީތައް މި ޤައުމުން ހޯދަމުން ދާއިރު، އިސްލާމްދީނުގެ ޝިޢާރުތައް ނެގެހެއްޓުމަށްޓަކައި މިއަދުގެ ސަރުކާރުން ހިންމަތާއި މިންނަތާ އެކު މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާކަން އުއްތަމަ ފަނޑިޔާރުގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.

މި ގޮތުން، ކިޔަވާ ކުދިންގެ ހިތްތަކުގައި އިސްލާމީ ޢަޤީދާ ހަރުދަނާކޮށް އިސްލާމީ ތަރުބިއްޔަތު އަށަގެންނެވުމަށްޓަކައި ސްކޫލް މަދަރުސާތަކުގައި އިސްލާމްދީން ކިޔަވައިދިނުމަށް ޚާއްޞަ އަހަންމިއްޔަތުކަމެއް ދެއްވައިގެން ކުރައްވަމުންގެންދަވާ މަސައްކަތްޕުޅުތައް ފާހަގަކުރައްވައި، އިސްލާމީ ޝިޢާރުތައް ކުރިއެރުވުމަށްޓަކައި ޤައުމީ ފެންވަރެއްގައި ކުރައްވަމުންގެންދަވާ މަސައްކަތްޕުޅުތައް އުއްތަމަ ފަނޑިޔާރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

2015ވަނަ އަހަރުގެ ތެރޭގައި ސަރުކާރުން ޤާއިމުކުރެއްވި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއާއި، ދިވެހިރާއްޖޭގައި އެހެން ދީންތަކަށް އުޅުމުގެ ފުރުޞަތު ނުދެއްވާނެކަމަށް ވިދާޅުވެ، އެހާމެ ސާބިތުކަމާ އެކު ރައީސުލްޖުމްހޫރިއްޔާ އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކާއި، އިސްލާމީ ވަޙުދަތާއި، އިސްލާމީ ރޫޙު ޤައުމީ ފެންވަރެއްގައި ރާއްޖޭގައި އާލާކުރުމުގެ މަޤްޞަދުގައި، ތަރިކައިގެ ނަމުގައި ސަރުކާރުން ފައްޓަވާފައިވާ ޤައުމީ މަޝްރޫޢު އަށް އަލިއަޅުއްވައިލައްވައި، އިސްލާމްދީނާ ދެކޮޅަށް މަސައްކަތްކުރާ ފަރާތްތަކުން ރާއްޖޭގެ އެތެރެއިންނާއި ބޭރުން ކުރިމަތިކުރަމުންގެންދާ ގޮންޖެހުންތަކާ ކުރިމަތިލައްވައި، ސާބިތުވެ ހުންނަވައިގެން ދުވަހުންދުވަހަށް އަޅުއްވަމުންގެންދަވާ ފިޔަވަޅުތަކަށް އުއްތަމަ ފަނޑިޔާރުގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވިއެވެ.