ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން

ވަރިކައިވެންޏާގުޅޭ މަޢުލޫމާތު ބެލެހެއްޓުމަށް ޓޭޑާބޭސްއެއް ތައްޔާރުކުރަނީ

ޝަރުޢީ ދާއިރާގެ ފަރާތުން ބަލަހައްޓަމުންގެންދާ ވައިޓަލް ސްޓެޓިސްޓިކްސް ގެ ވަރި ކައިވެންޏާ ބެހޭ މަޢުލޫމާތު ބެލެހެއްޓުމަށްޓަކައި ޚާއްޞަ ޑޭޓާބޭސްއެއް ތައްޔާރުކުރުމުގެ މަސައްކަތް ވަނީ ރޭވިފައެވެ.

ވަރި ކާވެންޏާގުޅޭ މަޢުލޫމާތަކީ ދުވަހުން ދުވަހަށް އަޕްޑޭޓްކުރެވި އެކަމާ ގުޅުންހުރި މުއައްސަސާތަކަށް ރިއަލްޓައިމްކޮށް ލިބުން މުހިންމު  މަޢުލޫމާތެކެވެ. ސަބަބަކީ މި މަޢުލޫމާތަކީ ދައުލަތުގެ ބައެއް މުއައްސަސާތަކުން ކުރިއަށް ގެންދާ އިޖުތިމާޢީ ކަންކަމާ ނުވަތަ ޙަރަކާތްތަކާ ގުޅި ލާމެހިފައިވާ ކަމަކަށްވުމެވެ.

ކަންމިހެން އޮތުމާއެކު، މި ޑޭޓާބޭސް ވީ އެންމެ އަވަސް މުއްދަތެއްގައި ތައްޔާރުކޮށް މި އަހަރުގެ ތެރޭގައި ޝަރުޢީދާއިރާގެ ހުރިހާ ކޯޓުތަކެއްގައި މި ޑޭޓާބޭސް ބޭނުންކުރެވޭނެ އިންތިޒާމްތައް ހަމަޖެއްސުމަށް ވަނީ ތާވަލުކުރެވިފައެވެ.

2016 ވަނަ އަހަރުގެ ތެރޭގައި ފެށުނު ޝަރުޢީ ދާއިރާގެ ނެޓްވަރކް އެންހޭންސްމަންޓް ޕްރޮޖެކްޓްގެ ދަށުން ވޭތުވެ ދިޔަ އަހަރުގެ ތެރޭގައި 101 މެޖިސްޓްރޭޓް ކޯޓު ވަނީ ގުޅާލެވިފައެވެ. އަދި ބާކީ ހުރި 86 މެޖިސްޓްރޭޓް ކޯޓު މި ޕްރޮޖެކްޓްގެ ދަށުން މި އަހަރުގެ ތެރޭގައި ގުޅާލެވިގެން ދާނެއެވެ.

މި ޕްރޮޖެކްޓްގެ ދަށުން ހުރިހާ މެޖިސްޓްރޭޓް ކޯޓުތަކެއް ގުޅާލެވުމާއެކު، އެ ކޯޓުތަކުގައި ޝަރުޢީ ދާއިރާގެ ރަސްމީ ސޮފްޓްވެއަރ މޯލްޑިވްސް އީ-ކޯޓު މެނޭޖްމަންޓް ސިސްޓަމް (މެމްސް) އިމްޕްލިމެންޓް ކުރެވިގެންދާނެއެވެ. އަދި މި އިންތިޒާމްތައް ހަމަޖެހުމުން ޝަރުޢީދާއިރާގެ ރަސްމީ ސޮފްޓްވެއަރގެ ތެރެއިން ވައިޓަލް ސްޓެޓިސްޓިކްސް ޑޭޓާބޭސް އަށް އެކްސަސްދެވި ސޮފްޓްވެއަރގެ ތެރެއިން މި މަޢުލޫމާތު އޮޓޮމޭޓްކުރެވި އެ ދުވަހުން ދުވަހަށް ޑޭޓާބޭސް އަޕްޑޭޓްކުރެވިގެންދާނެއެވެ.

ފަހުގެ ޚަބަރުތައް