އަލްމަރްހޫމާ ޢާއިޝަތު ވަޙީދާގެ ހަނދާނުގައި

FDI 7664

ދައުލަތަށާއި ޝަރުޢީދާއިރާއަށް  އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވަމުންގެންދެވި މ.އިރާކުމާގެ އަލްމަރުޙޫމާ ޢާއިޝަތު ވަޙީދާ 2017 މާރިޗު 01 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރައްވައިފިއެވެ. ނިޔާވިއިރު ޢުމަރުފުޅަކީ 58 އަހަރެވެ.

އަލްމަރުޙޫމާ ޢާއިޝަތު ވަޙީދާ ޝަރުޢީދާއިރާގެ ޚިދުމަތާ ގުޅިވަޑައިގަތީ 22 ޑިސެމްބަރު 1999 ގައެވެ. އަލްމަރުޙޫމާ ޢާއިޝަތު ވަޙީދާ ވަނީ ޝަރުޢީ ދާއިރާގައި 17 އަހަރަށްވުރެ ގިނަދުވަހު ޚިދުމަތް ކުރައްވާފައެވެ. ނިޔާވިއިރު ހުންނެވީ ކުރިމިނަލް ކޯޓުގެ އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މަޤާމުގައެވެ. ޝަރުޢީ ދާއިރާއާ ގުޅިވަޑައިގަތުމުގެ ކުރިން ރައްޔިތުންގެ މަޖިލިސްގެ އިދާރާގެ ސެކްރެޓަރީ ކަމުގެ މަޤާމުގައި 20 އަހަރަށް ވުރެ ގިނަދުވަހު އަލްމަރުޙޫމާ ޢާއިޝަތު ވަޙީދާ ޚިދުމަތް ކޮށްދެއްވާފައިވެއެވެ.

މި ހިތާމަވެރި ދަނޑިވަޅުގައި ޝަރުޢީ ދާއިރާގެ އެންމެހައި ފަނޑިޔާރުންނާއި މުވައްޒަފުންގެ ނަމުގައި ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ސަޢީދު، އަލްމަރުޙޫމާ ޢާއިޝަތު ވަޙީދާގެ ލޮބުވެތި ޢާއިލާއަށް ކެއްތެރިކަން ދެއްވުންއެދި އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ އަރިސްކުރައްވައެވެ.

އަލްމަރުޙޫމާ ޢާއިޝަތު ވަޙީދާގެ ފުރަނާފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރެއްވުން އެދި ދުޢާކުރަމެވެ. އާމީން !