ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

Stat2016-01

2015 ވަނަ އަހަރާ އަޅައިބަލާއިރު 2016 ވަނަ އަހަރު ކޯޓުތަކަށް ހުށަހެޅުނު މައްސަލަތަކުގެ ޢަދަދު ވަނީ ރެކޯޑް މިންވަރަކަށް އިތުރުވެފައެވެ. 2015 ވަނަ އަހަރުގެ ނިޔަލަށް ދަށު ކޯޓުތަކަށް ހުށަހެޅިފައި ވަނީ 17712 މައްސަލައެވެ. އެހެންނަމަވެސް 2016 ވަނަ އަހަރުގެ ނިޔަލަށް 20116 މައްސަލަ ވަނީ ހުށަހެޅިފައެވެ. މިއީ މިހާ ގިނަ މައްސަލަ ކޯޓުތަކަށް ހުށަހެޅުނު ފުރަތަމަ ފަހަރެވެ. އަދި މިއަހަރުގެ ތެރޭގައި ކޯޓުތަކުން ނިންމި މައްސަލަތަކުގެ ޢަދަދުވެސް ވަނީ 20000 ވުރެ އިތުރުވެފައެވެ.

2016 ވަނަ އަހަރުގައި ދަށުކޯޓުތަކަށް ހުށަހެޅުނު މައްސަލަތައް

2016 ވަނަ އަހަރުގައި ދަށުކޯޓުތަކަށް ހުށަހެޅުނު މައްސަލަތަކުގެ އަދަދު 2015 ވަނަ އަހަރުގައި ހުށަހެޅުނު މައްސަލަތަކުގެ އަދަދަށްވުރެ 13.6% ވަނީ އިތުރުވެފައެވެ. އެގޮތުން 2015 ވަނަ އަހަރުގައި 17712 މައްސަލަ ދަށު ކޯޓުތަކަށް ހުށަހެޅިފައިވާއިރު، 2016 ވަނަ އަހަރުގައި ދަށުކޯޓުތަކަށް 20116 މައްސަލަ ހުށަހެޅިފައިވެއެވެ. މިއީ 2015 ވަނަ އަހަރާ އަޅައިބަލާއިރު 2404 މައްސަލައިގެ އިތުރުވުމެކެވެ.

2016 ވަނަ އަހަރަކީ ޝަރުޢީ ކޯޓުތަކަށް 20000 ވުރެ ގިނައިން މައްސަލަ ހުށަހެޅުނު ފުރަތަމަ އަހަރެވެ.

2016 ވަނަ އަހަރުގައި ދަށު ކޯޓުތަކުން ނިންމި މައްސަލަތައް

2016 ވަނަ އަހަރުގައި ދަށުކޯޓުތަކުން ނިންމި މައްސަލަތަކުގެ އަދަދު 2015 ވަނަ އަހަރުގައި ނިންމި މައްސަލަ އަދަދަށްވުރެ 6.6% މައްސަލަ އިތުރުވެފައިވެއެވެ. އެގޮތުން 2015 ވަނަ އަހަރުގެ ތެރޭގައި 19372 މައްސަލަ ދަށު ކޯޓުތަކަށް ހުށަހެޅިފައިވާއިރު، 2016 ވަނަ އަހަރުގައި ދަށުކޯޓުތަކުން 20678 މައްސަލަ ވަނީ ނިންމާފައެވެ. މިއީ 2015 ވަނަ އަހަރާ އަޅައިބަލާއިރު 1306 މައްސަލައިގެ އިތުރުވުމެކެވެ.

2016 ވަނަ އަހަރުގައި ކޭސް ކްލިއަރެންސް ރޭޓު 103% ގައި

2016 ވަނަ އަހަރުގެ ތެރޭގައި ކޯޓުތަކަށް ހުށަހެޅުނު މައްސަލަތަކަށްވުރެ ކޯޓުތަކުން ނިންމި މައްސަލަތަކުގެ ޢަދަދު ވަނީ އިތުރުވެފައެވެ. މިގޮތުން 2016 ވަނަ އަހަރުގައި ކޯޓުތަކުގެ ކޭސް ކްލިއަރެންސް ރޭޓު ހުރީ 103% ގައެވެ. 2015 ވަނަ އަހަރެކޭވެސް އެއްގޮތަށް 2016 ވަނަ އަހަރުގައި ކޯޓުތަކަށް ހުށަހެޅުނު މައްސަލަތަކުގެ ނިސްބަތުން ނިންމި މައްސަލަތަކުގެ އަދަދުވެސް ވަނީ އިތުރުވެފައެވެ.

ކޯޓުތަކުގައި ނުނިމި ހުރި މައްސަލަތަކުގެ އަދަދު ދަށްވުން

Stat2016-02-02

2015 ވަނަ އަހަރު ދަށު ކޯޓުތަކުގައި ނުނިމި ހުރި މައްސަލަތަކުގެ އަދަދަށް ވުރެ 2016 ވަނަ އަހަރުގެ ނިޔަލަށް ދަށު ކޯޓުތަކުގައި ނުނިމި ހުރި މައްސަލަތަކުގެ އަދަދު ވަނީ 7.8% ދަށްކުރެވިފައެވެ. އެގޮތުން 2015 ވަނަ އަހަރުގައި 7178 މައްސަލަ ދަށު ކޯޓުތަކުގައި ނުނިމި ހުރިއިރު، 2016 ވަނަ އަހަރުގެ ނިޔަލަށް ކޯޓުތަކުގައި ނުނިމި ހުރީ 6616 މައްސަލައެވެ. މިއީ ކުރީ އަހަރާ އަޅައިބަލާއިރު 562 މައްސަލައިގެ ދަށްވުމެއްކަން ފާހަގަކުރެވެއެވެ.

އެއް އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ މައްސަލަތަކުގެ އަދަދު 27% އިން 12% އަށް ދަށްވުން

2015 ވަނަ އަހަރުގެ ނިޔަލަށް ދަށުކޯޓުތަކުގައި 01 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ 27% އިންސައްތަ މައްސަލަ ހުރިއިރު، 2016 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ނިޔަލަށް 01 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ މައްސަލަތައް ހުރީ 12% ގައެވެ.

އެގޮތުން 2015 ވަނަ އަހަރު ގައި ދަށު ކޯޓުތަކުގައި އަހަރަކަށްވުރެ ގިނަދުވަސް ވެފައިވާ 1948 މައްސަލަ ހުރިއިރު، 2016 ވަނަ އަހަރުގެ ނިޔަލަށް ދަށުކޯޓުތަކުގައި ހުރީ 01 އަހަރަށް ވުރެގިނަ ދުވަސްވެފައިވާ 798 މައްސަލައެވެ.