"ޑުއިންގ ބިޒްނަސް އިން މޯލްޑިވްސް – އަ ޖުޑީޝަލް ޕަރސްޕެކްޓިވް" ކޮލޯކިއަމް މިއަދު ބާއްވައިފި

Doingbusiness-01

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި ޝަރުޢީ ދާއިރާ ގުޅިގެން މިއަދު ބޭއްވުނު މި ކޮލޯކިއަމްއަކީ ވަރލްޑް ބޭންކްގެ ޑުއިންގ ބިޒްނަސް އިންޑެކްސްގައި ރާއްޖޭގެ ރޭންކް އަހަރަކަށްވުރެ އަހަރެއް ދަށަށްދަމުންދާ މައްސަލަ ޙައްލުކުރެއްވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ގެ އިސްނެންގެވުމާއި ލަފާފުޅުގެ މަތިން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ކުރައްވަމުން ގެންދަވާ މަސައްކަތުގައި ޝަރުޢީ ދާއިރާއިން ބައިވެރިވެ، އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން،"ޑުއިންގ ބިޒްނަސް އިން މޯލްޑިވްސް – އަ ޖުޑީޝަލް ޕަރސްޕެކްޓިވް" ގެ ނަމުގައި ކުރިއަށް ގެންދެވުނު ކޮލޯކިއަމް އެކެވެ.

މި ކޮލޯކިއަމް އިފްތިތާޙްކޮށްދެއްވީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އެވެ.

އީސް އޮފް ޑުއިންގ ބިޒްނަސް

”ޑުއިންގ ބިޒްނަސް“ އަކީ، އިކޮނޮމީސް ނުވަތަ ސިޓީތަކުގައި ޢަމަލުކުރަމުންދާ ވިޔަފާރިއާ ގުޅުން ހުރި ޤާނޫނުތަކާއި އުޞޫލުތައް ދެނެގަނެ، އަދި އެ ޤާނޫނުތަކާއި އުޞޫލުތައް ތަންފީޛުކުރެވޭ މިންވަރު ބެލުމަށްޓަކައި، ވޯލްޑް ބޭންކް ގްރޫޕުން 2002 ވަނަ އަހަރުން ފެށިގެން ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ.

އެގޮތުން ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުންފުނިތަކުގެ ލައިފްސައިކަލްގައި، ވިޔަފާރިއާ ގުޅުންހުރި ޤާނޫނުތަކާއި އުޞޫލުތައް އެޕްލައިކުރެވޭ މިންވަރު، އެއްކުރެވޭ ޑާޓާގެ އަލީގައި ދެނެގަނެވެއެވެ. އަދި މިގޮތުން އެއްކުރެވޭ ޑާޓާގެ އަލީގައި ކޮންމެ އަހަރަކު ވެސް ރިޕޯޓެއް ތައްޔާރުކޮށް ޝާއިޢުކުރަމުންގެންދެއެވެ.

”ޑުއިންގ ބިޒްނަސް“ ރިޕޯޓްގައި، ކޮންމެ އިކޮނޮމީ އެއް ނުވަތަ ސިޓީއެއްގައި، ވިޔަފާރިކުރުމަށް ފަހިވެފައިވާ މިންވަރު ހާމަކޮށް، މިއިން ކޮންމެ އިކޮނޮމީއެއް ނުވަތަ ސިޓީއެއް ރޭންކްކޮށް، އަދި ރަނގަޅު ކުރަންވީ އިންޑިކޭޓަރތައް ފާހަގަކޮށްފައި ހުރުމުން ސަރަޙައްދީ ފެންވަރުގައި އެހެން އިކޮނޮމީތަކާ އަޅާކިޔުމުގެ ފުރުޞަތު ލިބިގެންދެއެވެ.

މީގެ މަޤުޞަދަކީ ވިޔަފާރިކުރުމަށް ފަހި މާހައުލެއް އުފެއްދުމާއި، ވިޔަފާރީގެ ރޮނގުން، ސަރަޙައްދީ އަދި ޤައުމީ ފެންވަރުގައި ވާދަވެރި މާހައުލެއް އުފެއްދުމެވެ.

Doingbusiness-03

މި ކޮލޯކިއަމް އިފްތިތާޙްކޮށްދެއްވުމުގެގޮތުން ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައި ކުރާ ވިޔަފާރިތަކާ ގުޅިގެން ހުށައަޅާ މައްސަލަތައް، ޝަރުޢީ ދާއިރާއިން ތަންފީޛު ވެގެންދާ އަވަސްމިނަކީ ރާއްޖޭގައި ވިޔަފާރިކުރުމަށް އިންވެސްޓަރުންނަށް އޮންނަ އިތުބާރު ދެމެހެއްޓުމުގައި އެންމެ މުހިންމު އެއް ކަންތައް ކަމުގައި ވިދާޅުވިއެވެ.

އަދި މީގެއިތުރުން، ދިވެހިރާއްޖެއަކީ މުސްތަޤިއްލު މިނިވަން ދައުލަތެއް ނަމަވެސް މާލީ ކަންކަމުގައާއި، ވިޔަފާރީގެ ކަންކަމުގައި މިނިވަންކަން ނޯންނަކަން ފާހަގަކުރައްވައި، ދިވެހިރާއްޖޭގެ އިޤްތިޞާދަކީ ދުޅަހެޔޮ، ވަރުގަދަ އިޤްތިޞާދެއް ކަމަށާއި، މިކަން މިގޮތަށް ދެމެހެއްޓޭނީ ޤަނޫނީ ދާއިރާއިން ގެންނަންޖެހޭ އިސްލާހުތައް ގެނެސް، ޤަނޫނުތައް ތަންފީޒުކުރެވިގެން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މި ކޮލޯކިއަމްގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅު ވިދާޅުވުމަށް 

މި ކޮލޯކިއަމްގައި އުއްތަމަ ފަނޑިޔާރު ދެއްކެވި ވާހަކަފުޅު ވިދާޅުވުމަށް

ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ސަޢީދު، މަޤާމާ ޙަވާލުވެވަޑައިގެން އެންމެ ބޮޑު ސަމާލުކަމެއް ދެއްވާފައިވަނީ ޝަރުޢީ ދާއިރާގެ ކަންކަން އިސްލާޙްކޮށް ތަރައްޤީކުރެއްވުމަށެވެ.

Doingbusiness-04

މި ވޭތުވެދިޔަ ތިން އަހަރު ފާހަގަ ކުރެވިފައި ވަނީ ވިޔަފާރި އާއި މާލީ އަދި ތިޖާރީ މުޢާމަލާތުތަކަށް ހުންނަ ހުރަސްތައް ނައްތައިލައި، އެކަންކަން ފަސޭހައިން ކުރެވޭނެ މަގުފަހި ކުރުމަށް ޓަކައި، ޝަރުޢީ ދާއިރާގެ ޤާބިލުކަން އިތުރު ކޮށް، ޢަދުލުއިންޞާފަށް ފަސޭހަކަމާއި އަވަސްކަމާއެކު ވާޞިލުވުން ކަށަވަރު ކޮށްދިނުމަށާއި، ޝަރުޢީ ދާއިރާގެ ޤާބިލުކަން އިތުރު ކުރުމަށްޓަކައި ޒަމާނީ ޖުޑީޝަރީއެއް ޤާއިމުކޮށް ހަރުދަނާ ކުރެވުނު އަހަރުތަކެއްގެ ގޮތުގައިކަން މި ކޮލޯކިއަމްގައި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ދެއްކެވި ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

އޯލްޓަނޭޓިވް ޑިސްޕިއުޓް ރިޒޮލިއުޝަނުގެ ނިޒާމް

ވޯރލްޑް ބޭންކުން، ޑުއިންގ ބިޒްނަސް އިންޑެކްސްއާ އެކުގައި އެކުލަވައިލައިފައިވާ ކޮލިޓީ އޮފް ޖަސްޓިސް ޕްރޮސެސެސް އިންޑެކްސްގައި ޖުޑީޝަރީއެއްގެ ނިޒާމުގެ ހަރުދަނާކަން ވަޒަން ކުރުމުގައި ބޭނުން ކުރާ އެއް އިންޑިކޭޓަރުގެ ގޮތުގައި، އޯލްޓަރނޭޓިވް ޑިސްޕިޔުޓް ރިޒޮލިޔުޝަނުގެ ނިޒާމު އެ ޖުޑީޝަރީއެއްގައި ބޭނުން ކުރެވޭ މިންވަރާއި އެ ނިޒާމުގެ ކާމިޔާބުކަން ހިމެނޭއިރު، 2015 ވަނަ އަހަރު ސިވިލް ކޯޓުގައި ޤާއިމު ކުރެވުނު ޑިސްޕިޔުޓް ރިޒޮލިޔުޝަން ޑިވިޜަނުގެ މަސައްކަތް ކާމިޔާބުކަމާ އެކު ހިނގަމުން ދާކަން ފާހަގަކުރައްވައި، 2016 ވަނަ އަހަރުގެ ސެޕްޓެންބަރު މަހާ ހަމަޔަށް، އެ ޑިވިޜަނަށް ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން %48 މައްސަލަ އޯލްޓަރނޭޓިވް ޑިސްޕިޔުޓް ރިޒޮލިޔުޝަނުގެ ނިޒާމުގެ ތެރެއިން ޞުލްޙަވެރި ޙައްލަކާ ހަމަޔަށް ދެވި، ޝަރީޢަތް ކުރުމަކާ ނުލައި ނިންމިފައިވާކަން އުއްތަމަ ފަނޑިޔާރުގެ ފާހަގަކުރެއްވިއެވެ.

މޯލްޑިވްސް އީކޯޓް މެނޭޖްމަންޓް ސިސްޓަމް

ކޮލިޓީ އޮފް ޖަސްޓިސް ޕްރޮސެސެސް އިންޑެކްސްގައި ޖުޑީޝަރީއެއްގެ ނިޒާމުގެ ހަރުދަނާކަން ވަޒަން ކުރުމުގައި ބޭނުން ކުރާ ދެވަނަ އިންޑިކޭޓަރއަކީ ކޯޓް އޮޓޮމޭޝަންކަމަށާއި، ކޯޓް އޮޓޮމޭޝަނުގެ ދާއިރާއިން ވެސް ދިވެހިރާއްޖޭގެ ޝަރުޢީ ދާއިރާ ދަނީ ފާހަގަ ކުރެވޭ ފަދަ ކާމިޔާބީތަކެއް ޙާޞިލު ކުރަމުންކަން އުއްތަމަ ފަނޑިޔާރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

އެގޮތުން، މޯލްޑިވްސް އީކޯޓް މެނޭޖްމަންޓް ސިސްޓަމާ އެކު، ކޯޓުތަކަށް މައްސަލަ ހުށަހެޅުމާއި ކޭސް މެނޭޖްމަންޓުގެ ކަންކަން އޮޓޮމޭޓް ކުރުމުގެ މަސައްކަތް މުޅީން ނިމުމަކާ ހަމަޔަށް ގޮސްފައި ވާކަން ފާހަގަކުރައްވައި، މި ނިޒާމާ އެކު، އެޓަރނީ ޖެނެރަލްގެ އޮފީހާއި ޕްރޮސިކިޔުޓަރ ޖެނެރަލްގެ އޮފީހުގެ އިތުރުން، ލޯ ފާރމްތަކަށް ވެސް ކަރުދާސް ބޭނުން ނުކޮށް، އީ-ފައިލިންގ ސިސްޓަމެއްގެ ތެރެއިން، ކޯޓުތަކަށް މައްސަލަ ހުށަހެޅުމުގެ ފުރުޞަތު ހުޅުވިގެން ދާނެކަން ފާހަގަކުރެއްވިއެވެ. އަދި މިކަމަކީ ސަރަޙައްދީ ފެންވަރުގައި ވެސް ފާހަގަ ކުރެވޭ ވަރުގެ ބޮޑު ކުރިއެރުމެއްކަން އުއްތަމަ ފަނޑިޔާރު ފާހަގަކުރެއްވިއެވެ.

ކޮމާރޝަލް ލޯ އެންޑް މާރކެންޓައިލް ޖަސްޓިސްގެ ސިމްޕޯޒިއަމްއެއް ބޭއްވުން

ޝަރުޢީ ދާއިރާގެ ތަރައްޤީއަށް ޓަކައި، ޝަރުޢީ ދާއިރާގެ އިސްނެގުމާ އެކު ދައުލަތުގެ ފަރާތުން އެޅުއްވި އެންމެ މުހިއްމު އެއް ފިޔަވަޅަކީ، 2015 ވަނަ އަހަރު ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީ ޤާއިމު ކުރުންކަން އުއްތަމަ ފަނޑިޔާރު ފާހަގަކުރެއްވިއެވެ. އަދި މި އެކަޑަމީ އަކީ ފަނޑިޔާރުންނާއި ޝަރުޢީ ދާއިރާގެ މުވައްޒަފުންނާއި ދިވެހިރާއްޖޭގެ ޤާނޫނީ ވަކީލުންގެ ޢިލްމީ އަދި ފަންނީ ޤާބިލުކަން އިތުރުކޮށް، އެފަރާތްތަކަށް ކޮންޓިނުއިންގ ޖުޑީޝަލް އެޑިޔުކޭޝަނުގެ ފުރުޞަތުތައް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމުގެ މަސައްކަތް ކުރުމަށް ޓަކައި އުފެއްދުނު މުއައްސަސާއެއްކަން ފާހަގަކުރަށްވައި، ޖުޑީޝަލް އެކަޑަމީން އަންނަ އަހަރަށް ޕްލޭން ކޮށްފައި ވާ ޕްރޮގްރާމްތަކުގެ ތެރޭގައި، ކޮމާރޝަލް ލޯވ އެންޑް މާރކެންޓައިލް ޖަސްޓިސްގެ ނަމުގައި ބާއްވާ ޚާއްޞަ ސިމްޕޯޒިޔަމެއް ހިމެނޭ ކަން ފާހަގަކުރެއްވިއެވެ. އަދި މި ސިމްޕޯޒިޔަމް ވެގެން ދާނީ، ވިޔަފާރި އާއި މާލީ އަދި ތިޖާރީ ދާއިރާގެ ޤާނޫނާއި ބައިނަލްއަޤްވާމީ ބެސްޓް ޕްރެކްޓިސްއާ ބެހޭގޮތުން ދިވެހިރާއްޖޭގެ ޝަރުޢީ އަދި ޤާނޫނީ ދާއިރާގެ ބޭފުޅުންނަށް ބޭރުގެ ތަޖުރިބާކާރުންނާ މަޝްވަރާކޮށް، މަޢުލޫމާތާއި ތަޖުރިބާ ޙިއްޞާ ކުރުމަށް ލިބޭ ވަރަށް މުހިއްމު ފުރުޞަތަކަށް ކަންވެސް އުއްތަމަ ފަނޑިޔާރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

އަދި މީގެއިތުރުން، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގައި ޤާއިމު ކުރެވިފައިވާ ޝަރުޢީ އަގުކޮމިޓީއާ ބެހޭ ޑިވިޜަން ނުވަތަ ބިޔުރޯ އަކީ، މާލީ އަދި ވިޔަފާރީގެ ދާއިރާގައި ޙަރަކާތްތެރިވާ ފަރާތްތަކަށް ޝަރުޢީ ދާއިރާގެ ޚިދުމަތް އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށް ދިނުމަށްޓަކައި ވަރަށް މުހިއްމު ބައެއް އަދާކުރާ ޑިވިޜަނަކަށްވާއިރު، ފަންނީ ޤާބިލިއްޔަތާއި ނަޒާހަތްތެރިކަމާ އެކު، ކުރި އަރާފައިވާ ޖޫރިސްޑިކްޝަންތަކުގައި ވެސް ކަން ކުރާގޮތަށް، އަދި މައްސަލަތަކަށް ހުއްޓުން ނާންނާނޭ ފަދަ ގޮތެއްގެ މަތީން، އަގު ކުރުމުގެ ކަންތައް ހަރުދަނާ ކުރުމުގެ ޕްރޮގްރާމްތައް ކުރިއަށް ރޭވިފައިވާކަން އުއްތަމަ ފަނޑިޔާރުވަނީ ފާހަގަކުރައްވާފައެވެ.

Doingbusiness-05

މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަލްފާޟިލް މުޙައްމަދު ސަޢީދުގެ ވާހަކަފުޅުގައި، ޝަރުޢީދާއިރާގެފަރާތުން މިފަދަ ކަންކަމުގައި ގެންގުޅުއްވާ "ފޯވަރޑް ތިންކިންގ" އަށް ޝުކުރު އަދާކުރައްވައި، މި ކޮލޯކިއަމްގެ ނަތީޖާގެ މައްޗަށް ބިނާކޮށް މިފަދަ ދެވަނަ ކޮލޯކިއަމްއެއް ދެފަރާތްގުޅިގެން ކައިރި މުސްތަޤުބަލެއްގައި ބޭއްވުމަށް ވިސްނަވާފައިވާކަން ފާހަގަކުރެއްވިއެވެ.

Doingbusiness-055

މި ކޮލޯކިއަމް ނިންމާލެއްވުމުގެ ގޮތުން ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އަލްފާޟިލް ޙަސަން ސަޢީދު ޙުސައިން މައިގަނޑު 6 ކަމެއް ފާހަގަކުރެއްވިއެވެ. އަދި އެކަންކަން ޙާޞިލްކުރެއްވުމަށްޓަކައި ކުރިއަށް ރޭވިފައިވާ ޕްލޭންތައް ކޮލޯކިއަމްގެ ބައިވެރިންނާ ޙިއްޞާކުރެއްވިއެވެ.

މިގޮތުން ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި؛

1-    2017 ވަނަ އަހަރުގެ މާޗްމަހުގެ ތެރޭގައި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި ޝަރުޢީ ދާއިރާ ގުޅިގެން ޑުއިންގ ބިޒްނަސް އިން މޯލްޑިވްސް އާ ގުޅޭ ދެވަނަ ކޮލޯކިއަމްއެއް ބޭއްވުމާއި،

2-    ޝަރުޢީ އަގުކުރުމަށްޓަކައި މިހާރު އެކުލަވައިލާފައިވާ ޝަރުޢީ އަގުކޮމިޓީގެ މެންޑޭޓް އިތުރަށް ހަރުދަނާކޮށް، އިންޓަރނޭޝަނަލް ބެސްޓް ޕްރެކްޓިސްއާއި މިނިވަން ދިމިޤްރާތީ މުޖުތަމަޢުތަކުގައި ޢަމަލުކުރަމުންގެންދާ އުޞޫލުތަކާ އެއްގޮތަށް، އަގުކުރުމުގެ މަސައްކަތް ޕްރޮފެޝަނަލް ކަމާއި ނަޒާހަތްތެރިކަމާއެކު ކުރިއަށް ގެންދިއުމުގެ މަޤުޞަދުގައި ޖުޑީޝަލް ވެލުއަރސް އޮފީސް ޤާއިމުކުރެއްވުމަށްޓަކައި ހަމަޖައްސަންޖެހޭ އިދާރީ އިންތިޒާމްތައް ހަމަޖެއްސެވުމާއި،

3-    ސިވިލް ކޯޓުގައި ކޮމާޝަލް ޑިވިޜަނެއް ޤާއިމުކުރުމާގުޅޭގޮތުން ހުށަހެޅުނު ކަރުދާހުގައި ހިމެނޭ ކަންކަމާގުޅޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓާއި ސިވިލް ކޯޓާއެކު މަޝްވަރާކުރެއްވުމަށްފަހު ޑްރާފްޓެއް އެކުލަވައިލެއްވުމާއި،

4-    މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާ ގުޅިގެން، ޑުއިންގ ބިޒްނަސް އާގުޅުންހުރި ކަންކަމުގައި ޝާމިލުވާ ސްޓޭކްހޯލްޑަރުންނާއެކު އިތުރު ބައްދަލުވުންތަކެއް ބޭއްވުމާއި،

5-    ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ އެދިވަޑައިގެންނެވުމާ އެއްގޮތަށް، ހަލުވިކަމާއި އަވަސްކަމާއެކު، ކޯޓުތަކަށް ހުށަހެޅޭ މައްސަލަތައް  5 މަސްދުވަހުގެ ތެރޭގައި ނިންމުމަށްޓަކައި ހަމަޖައްސަންޖެހޭ އިންތިޒާމްތަކާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓާއި ސިވިލް ކޯޓާއެކު މަޝްވަރާކޮށް އެމަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތްތަކުގެ ފްލޯޗާޓެއް އެކުލަވައިލެއްވުމުގެ އިތުރުން،

6-    މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (MACI) އާއެކު، FIDIC ކޮންޓްރެކްޓްސް އާގުޅޭ ކޮލޯކިއަމްއެއް ބޭއްވުން ހިމެނެއެވެ.

Doingbusiness-07

މިއަދު ކުރިއަށް ގެންދެވުނު މި ކޮލޯކިއަމްއަކީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި ޝަރުޢީ ދާއިރާ ގުޅިގެން ކުރިއަށް ގެންދެވުނު މިފަދަ ދެވަނަ ކޮލޯކިއަމް އެވެ. މިއަހަރުގެ މޭ މަހުގެ ތެރޭގައި "ކޮލޯކިއަމް ފޮރ ޖުޑީޝަރީ އޮން ޓްރެފިކިންގ އިން ޕާރސަންސް (TIP)" ގެ ނަމުގައިވެސް  ދެފަރާތް ގުޅިގެން ވަނީ ކޮލޯކިއަމްއެއް ބާއްވާފައެވެ.