މީހުން ޓްރެފިކް ކުރުމުގެ ކުށް ސާބިތުވި ތިން ބިދޭސީއަކު ޖަލަށް ލުމަށް ޙުކުމްކުރުން

މީހުން ޓްރެފިކްކުރުމުގެ ކުށް ސާބިތުވުމާގުޅިގެން، ބަނގުލަދޭޝްގެ ތިން މީހަކު 10 އަހަރު ދުވަހަށް ޖަލަށްލުމަށް ކުރިމިނަލް ކޯޓުން ޙުކުމް ކޮށްފިއެވެ.

2013 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 07 ވަނަ ދުވަހު ބަނގުލަދޭޝްގެ ރައްޔިތެއްކަމަށްވާ ނުރޫޖަހާން ދިވެހިރާއްޖެއަށް ގެނެސް އޭނާ ޓްރެފިކްކުރުމުގައި އެންމެ ފުރިހަމަގޮތުގައި ބައިވެރިވެފައިވާކަން އެ މައްސަލައިގައި ލިބިފައިވާ ހެކިތަކާއި ޤަރީނާތަކުން ޝަރީޢަތަށް ސާބިތުވާތީ، ޤާނޫނު ނަންބަރު 12/2013 (މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ޤާނޫނު)ގެ 12 ވަނަ މާއްދާއާއި 13 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، އެ ޤާނޫނުގެ 17 ވަނަ މާއްދާގެ (ހ)އާ ޙަވާލާދީ، މީހުން ޓްރެފިކްކުރުމުގެ ކުށުން ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި، މި ކުށުގެ ޢުޤޫބާތެއްގެ ގޮތުން އެ ޤާނޫނުގެ 17 ވަނަ މާއްދާގެ (ނ) ދަށުން 10 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ޙުކުމްކޮށްފައިވަނީ، ބަނގުލަދޭޝްގެ ތިން މީހުން ކަމަށްވާ، ބާދްޝާ (ޕާސްޕޯޓް ނަންބަރު B0901824) އާއި، އެމް.ޑީ ސައިމް މޮއްލާ (ޕާސްޕޯޓް ނަންބަރު AA5563689) އާއި، ޢަބްދުލްމަލަކު (ޕާސްޕޯޓް ނަންބަރު B1225641) އެވެ.

މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ޤާނޫނުގެ 12 ވަނަ މާއްދާ

މީހުން ޓްރެފިކްކުރުން

12.

(ހ)

އަންނަނިވި ކަންކަމުގެ ތެރެއިން ކަމެއް ކުރާ މީހާއަކީ، މީހުން ޓްރެފިކްކުރާ މީހެއް ކަމުގައި ބެލެވޭނެއެވެ.

 

 

 

(1)

ޤާނޫނާ ޚިލާފު މަޖުބޫރުކުރުވުމެއް ކުރިމަތިކުރުވައިގެން، މީހަކު އެއް ޤައުމުން އަނެއް ޤައުމަށް ގެންދިޔުމަށް ނުވަތަ ބަދަލުކުރުމަށް ޤަޞްދުގައި ރޭވުން ނުވަތަ އެއިން ކަމެއް ކުރުމަށް ޤަޞްދުގައި މަގުފަހިކުރުވުން؛ އަދި އެފަދަ ޤާނޫނާ ޚިލާފު މަޖުބޫރުކުރުވުމެއް މީހަކަށް ކުރިމަތިކުރުވައިގެން އެ މަޖުބޫރުކުރުވުމުގައި، އެމީހަކު އެހެން ޤައުމަކަށް ގެންދެވުން ނުވަތަ ބަދަލުކުރެވުން ނުވަތަ ބެލުމުގެ ދަށުގައި ބެހެއްޓުން ނުވަތަ އެފަދަ މީހަކާ ޙަވާލުވުން؛

 

 

 

(2)

ޤާނޫނާ ޚިލާފު މަޖުބޫރުކުރުވުމެއް ކުރިމަތިކުރުވައިގެން، ދިވެހިރާއްޖޭގެ ސަރަޙައްދުގެ ތެރޭގައި، މީހަކު އެއްތަނުން އަނެއް ތަނަށް ގެންދިޔުމަށް ނުވަތަ ބަދަލުކުރުމަށް ޤަޞްދުގައި ރޭވުން ނުވަތަ އެއިން ކަމެއް ކުރުމަށް ޤަޞްދުގައި މަގުފަހިކުރުވުން؛ އަދި އެފަދަ ޤާނޫނާ ޚިލާފު މަޖުބޫރުކުރުވުމެއް މީހަކަށް ކުރިމަތިކުރުވައިގެން އެ މަޖުބޫރުކުރުމުގައި، އެމީހަކު ވަކި ތަނަކަށް ގެންދެވުން ނުވަތަ ބަދަލުކުރެވުން ނުވަތަ ބެލުމުގެ ދަށުގައި ބެހެއްޓުން ނުވަތަ އެފަދަ މީހަކާ ޙަވާލުވުން.

 

 

(ށ)

މިމާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ބޭނުމަށްޓަކައި، މީހަކު އެއް ޤައުމުން އަނެއް ޤައުމަށް ގެންދިޔުމުގެ ނުވަތަ ބަދަލުކުރުމުގެ މާނައިގެ ތެރޭގައި، އޭނާ ދިވެހިރާއްޖެއަށް އެތެރެކުރާ ކުރުމާއި، ދިވެހިރާއްޖެއިން ގެންދާ ގެންދިޔުން ހިމެނެއެވެ.

 

 

(ނ)

މި މާއްދާގެ (ހ) ގައި ބަޔާންކުރާ ޢަމަލު އެމީހަކާ ދެކޮޅަށް ހިންގޭ މީހާ އެ ޤައުމަކަށް ގެންދެވުމަށް ނުވަތަ ބަދަލުވުމަށް ނުވަތަ އެލުމުގެ ދަށުގައި ބެހެއްޓުމަށް ނުވަތަ ޙަވާލުވެގަތުމަށް ރުހުން ދިން ކަމުގައިވީނަމަވެސް، އެ ޢަމަލު ހިންގި މީހާ މި މާއްދާގައި ބަޔާންކުރާ ޓްރެފިކްކުރުމުގެ ޢަމަލު ހިންގީ ކަމުގައި ބެލެވޭނެއެވެ.

މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ޤާނޫނުގެ 13 ވަނަ މާއްދާ

އެކްސްޕްލޮއިޓޭޝަން ހިމެނޭގޮތުން މީހުން ޓްރެފިކްކުރުން

13.

(ހ)

އަންނަނިވި ކަންކަމުގެ ތެރެއިން ކަމެއް ކުރާ މީހާއަކީ، މީހުން ޓްރެފިކްކުރާ މީހެއް ކަމުގައި ބެލެވޭނެއެވެ.

 

 

 

(1)

މީހަކު އެއް ޤައުމުން އަނެއް ޤައުމަށް ގެންދިޔުމަށް ނުވަތަ ބަދަލުކުރުމަށް ނުވަތަ ބެލުމުގެ ދަށުގައި ބެހެއްޓުމަށް ނުވަތަ ޙަވާލުވެގަތުމަށް ޤަޞްދުގައި ރޭވުން ނުވަތަ އެއިން ކަމެއް ކުރުމަށް ޤަޞްދުގައި މަގުފަހިކުރުން؛ އަދި އެމީހަކު އެހެން ޤައުމަކަށް ގެންދިޔުމުގައި ނުވަތަ ބަދަލުކުރުމުގައި ނުވަތަ ގެންދިޔުމަށްފަހު ނުވަތަ ބަދަލުކުރުމަށްފަހު، އަންނަނިވި ޙާލަތްތަކުގެ ތެރެއިން ޙާލަތެއް ހިމެނިގެންވާ ކަމެއް އޭނާއާ ކުރިމަތިވެދާނެކަމާމެދު އިހުމާލުވުން:

 

 

 

 

މަސައްކަތެއް ކުރުމަށް ނުވަތަ ޚިދުމަތެއް ފޯރުކޮށްދިނުމަށް އޭނާއަށް ލާޒިމުކުރުން؛ އަދި އޭނާ ލައްވާ އެ މަސައްކަތް ކުރުވަނީ ނުވަތަ އެ ޚިދުމަތެއް ފޯރުކުރުވަނީ ވަކި ކަމަކަށް ޝަރުޠުކުރުވުމަށް ފަހުގައި ކަމަށްވުން؛ އަދި އޭނާއަށް އެ ޙާލަތު ނުވަތަ އެ ޝަރުޠު ބަދަލުކުރުމުގެ މިނިވަންކަން ނެތުން؛

 

 

 

 

ޤަނޫނީ އިލްތިޒާމެއް އުފލަންޖެހޭ އެއްބަސްވުމެއްގައި އޭނާ ބައިވެރިވާން ލާޒިމުކުރުން، ނުވަތަ ވަކި މީހަކާ ކާވެނިކުރުމަށް ލާޒިމުކުރުވުން، އަދި އެފަދައިން އޭނާ އެ އެއްބަސްވުމެއްގައި ބައިވެރިވުމަށް ލާޒިމުކުރަނީ، ނުވަތަ ކާވެނިކުރުމަށް ލާޒިމުކުރުވަނީ، ވަކި ކަމަކަށް ޝަރުޠުކުރުވުމަށް ފަހުގައި ކަމަށްވެފައި، އޭނާއަށް ކުރިމަތިކުރުވާފައިވާ ޤާނޫނާ ޚިލާފު މަޖުބޫރުކުރުވުމެއްގެ ސަބަބުން އޭނާއަށް އެ އެއްބަސްވުން ނުވަތަ އޭނާގެ ކާވެނީގެ ހައިސިއްޔަތު ނުވަތަ އެ ޝަރުޠު ބަދަލުކުރުމުގެ މިނިވަންކަން ނެތުން؛

 

 

 

 

އޭނައަށް ބޭނުންނުވާ ޞިއްޙީ ފަރުވާއެއް ހޯދަން ނުވަތަ މެޑިކަލް ޓެސްޓެއް ހަދަން ލާޒިމުކުރުން؛ އަދި އެ ފަރުވާއެއް ހޯދުމަށް ނުވަތަ ޓެސްޓެއް ހެދުމަށް އޭނާގެ ރުހުމެއް ނެތުން.

 

 

 

(2)

މީހަކު ދިވެހިރާއްޖޭގެ ސަރަޙައްދުގެ ތެރޭގައި، އެއްތަނުން އަނެއް ތަނަށް ގެންދިޔުމަށް ނުވަތަ ބަދަލުކުރުމަށް ޤަޞްދުގައި ރޭވުން ނުވަތަ އެއިން ކަމެއް ކުރުމަށް ޤަޞްދުގައި މަގުފަހިކުރުވުން؛ އަދި އެމީހަކު އެފަދައިން އެއް ތަނުން އަނެއް ތަނަށް ގެންދިޔުމުގައި ނުވަތަ ބަދަލުކުރުމުގައި ނުވަތަ ގެންދިޔުމަށްފަހު ނުވަތަ ބަދަލުކުރުމަށްފަހު މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ (1) އިން ފެށިގެން (3) ވަނަ ނަންބަރުގެ ނިޔަލަށް ހުރި އަކުރުތަކުގައިވާ ޙާލަތްތަކުގެ ތެރެއިން ޙާލަތެއް ހިމެނިގެންވާ ކަމެއް އޭނާއާ ކުރިމަތިވެދާނެ ކަމާމެދު އިހުމާލުވުން؛

 

 

 

(3)

މީހަކު އެއް ޤައުމުން އަނެއް ޤައުމަށް ގެންދިޔުމަށް ނުވަތަ ބަދަލުކުރުމަށް ޤަޞްދުގައި ރޭވުން ނުވަތަ އެއިން ކަމެއް ކުރުމަށް ޤަޞްދުގައި މަގުފަހިކުރުވުން؛ އަދި އެމީހަކު އެހެން ޤައުމަކަށް ގެންދިޔުމުގައި ނުވަތަ ބަދަލުކުރުމުގައި ނުވަތަ ގެންދިޔުމަށްފަހު ނުވަތަ ބަދަލުކުރުމަށްފަހު، އެކްސްޕްލޮއިޓޭޝަންގެ ޢަމަލެއް އޭނާއާ ކުރިމަތިވުމުގެ އިޙްތިމާލެއް އޮތްކަން އެނގިހުރެ އޮޅުވާލުން؛

 

 

 

(4)

މީހަކު ދިވެހިރާއްޖޭގެ ސަރަޙައްދުގައި އެއް ތަނުން އަނެއް ތަނަށް ގެންދިޔުމަށް ނުވަތަ ބަދަލުކުރުމަށް ޤަޞްދުގައި ރޭވުން ނުވަތަ އެއިން ކަމެއް ކުރުމަށް ޤަޞްދުގައި މަގުފަހިކުރުވުން؛ އަދި އެމީހަކު އެ ތަނަކަށް ގެންދިޔުމުގައި ނުވަތަ ބަދަލުކުރުމުގައި ނުވަތަ ގެންދިޔުމަށްފަހު ނުވަތަ ބަދަލުކުރުމަށްފަހު، އެކްސްޕްލޮއިޓޭޝަންގެ ޢަމަލެއް އޭނާއާ ކުރިމަތިވުމުގެ އިޙްތިމާލެއް އޮތްކަން އެނގިހުރެ އޮޅުވާލުން؛

 

 

(ށ)

މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރު އަދި (3) ވަނަ ނަންބަރުގެ ބޭނުމަށްޓަކައި، މީހަކު އެއް ޤައުމުން އަނެއް ޤައުމަށް ގެންދިޔުމުގެ ނުވަތަ ބަދަލުކުރުމުގެ މާނައިގެ ތެރޭގައި، އޭނާ ދިވެހިރާއްޖެއަށް އެތެރެކުރާ ކުރުމާއި، ދިވެހިރާއްޖެއިން ގެންދާ ގެންދިޔުން ހިމެނެއެވެ.

 

 

(ނ)

މި މާއްދާގެ (ހ) ގައި ބަޔާންކުރާ ޢަމަލު އެމީހަކާ ދެކޮޅަށް ހިންގޭ މީހާ އެ ޤައުމަކަށް ގެންދެވުމަށް ނުވަތަ ބަދަލުވުމަށް ރުހުން ދިން ކަމުގައިވީނަމަވެސް، އެ ޢަމަލު ހިންގި މީހާ މި މާއްދާގައި ބަޔާންކުރާ ޓްރެފިކްކުރުމުގެ ޢަމަލު ހިންގީ ކަމުގައި ބެލެވޭނެއެވެ.

މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ޤާނޫނުގެ 17 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވަނީ "މީހުން ޓްރެފިކްކުރުމަކީ ކުށެކެވެ." އަދި މި މާއްދާގެ (ނ) ގައިވަނީ "މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، 10 (ދިހައެއް) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމެވެ."

 

ކުރިމިނަލް ކޯޓުގެ ޤަޟިއްޔާގެ ޙުކުމް ވިދާޅުވުމަށް