ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ ނޫސް ބަޔާން

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 7 ވަނަ މާއްދާއާއި 141 ވަނަ މާއްދާއާއި 156 ވަނަ މާއްދާއިން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ލިބިދޭ ބާރުގެ ދަށުން، ދިވެހިރާއްޖޭގެ ޢަދުލު އިންޞާފު ޤާއިމްކުރުމުގެ ބާރުގެ ބެލެނިވެރި ފަރާތުގެ ހައިސިއްޔަތުން، "ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރާ ޤާނޫނީ ވަކީލުންނާބެހޭ ޤަވާޢިދު" އެކުލަވައިލައްވައި، 03 ޖޫން 2012 އިން ފެށިގެން އެ ޤަވާޢިދަށް ޢަމަލުކުރާގޮތަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2012/01/SC (03 ޖޫން 2012) ސަރކިއުލަރ އިން ކަނޑައަޅުއްވައި އެގޮތުގެމަތީން ގެންދަވަނީ ޢަމަލުކުރައްވަމުންނެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކާއި، ދިވެހިރާއްޖޭގައި ޤާނޫނުގެ ވެރިކަން ނަގަހައްޓައި ދެމެހެއްޓުމުގައްޔާއި، ފަރުދުންނާއި ދައުލަތުގެ ޙައްޤުތައް ޙިމާޔަތްކުރުމުގައި ހަރަކާތްތެރިވާ ޤާނޫނީ ވަކީލުންނަކީ ޤާނޫނީ ގޮތުންނާއި އަޚްލާޤީގޮތުން މުހިއްމު މަސްއޫލިއްޔަތުތަކެއް އުފުލަންޖެހޭ ބަޔަކަށްވެފައި، އެފަދަ މަސްއޫލިއްޔަތުތައް އަދާކުރަމުންދާ ފަރާތެއްގެ ސުލޫކާއި އަޚްލާޤު ބައްޓަންކޮށް ބަލަހައްޓަމުން ގެންދެވުމަކީ ދިވެހިރާއްޖޭގެ ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރުގެ ފަރާތުން ރައްޔިތުންނަށް ފޯރުކޮށްދޭ ޢަދުލު އިންޞާފް ޤާއިމްކުރުމުގެ ދުސްތޫރީ މަސްއޫލިއްޔަތު، ފުރިހަމަކަމާއެކު އަދާކުރުން ކަށަވަރުކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމަކަށް ވީހިނދު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކުރައްވަމުން ގެންދަވާ ކަމެކެވެ.

ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރާ ޤާނޫނީ ވަކީލުންނާބެހޭ ޤަވާޢިދާއި ޚިލާފަށް ޤާނޫނީ ވަކީލަކު ކޯޓު ތެރޭގައިވިޔަސް އަދި ކޯޓުން ބޭރުގައިވިޔަސް ޢަމަލުކުރާ ޙާލަތްތަކުގައި، ޙަވާލާދެވުނު ޤަވާޢިދުގެ ދަށުން އެވަގުތަކަށް އަޅަންޖެހުނު ފިޔަވަޅެއް އެޅުމުގެ ފުރިހަމަ އިޚްތިޔާރާއި ބާރު ޙަވާލާދެވުނު ޤަވާޢިދުގެ ދަށުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ލިބިގެން ވެއެވެ.

މިކަން މިހެން އޮތްއިރު، ކަމުގެ ޙަޤީޤަތާއި ހަމައަށް ވާޞިލުވުމެއްނެތި، ކަމުގެ ޙަޤީޤަތް އޮޅޭގޮތަށް އަދި ރައްޔިތުންގެ މެދުގައި ދިވެހިރާއްޖޭގެ ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރާމެދު އޮންނަ އިތުބާރު ގެއްލޭގޮތަށް އެކި ފަރާތްތަކުން ދައްކަމުން ގެންދާ ވާހަކަ ތަކަކީ ޙަޤީޤަތާއި ޚިލާފަށް ދައްކާ ވާހަކަތަކަކަށްވާތީ އެފަދަ ވާހަކަތައް ފަތުރާ ފަރާތްތަކާ މެދު ޤާނޫނީ ފިޔަވަޅު އަޅަމުން ގެންދާނެކަން މި ފުރުޞަތުގައި ހަނދާންކޮށް ދެމެވެ.

25 މުޙައްރަމް 1437
07 ނޮވެމްބަރު 2015