ޚަބަރު

ކްރައިމް ޕްރިވެންޝަން އެންޑް ކްރިމިނަލް ޖަސްޓިސް - 165 ވަނަ އިންޓަނޭޝަނަލް ސީނިއަރ ސެމިނާރުގައި ޖުވެނައިލް ކޯޓުން ބައިވެރިވެއްޖެ

image1

ކްރައިމް ޕްރިވެންޝަން އެންޑް ކްރިމިނަލް ޖަސްޓިސް - 165 ވަނަ އިންޓަނޭޝަނަލް ސީނިއަރ ސެމިނާރުގައި ޖުވެނައިލް ކޯޓުން ބައިވެރިވެއްޖެއެވެ. ޖަނަވަރީ މަހުގެ 9 ވަނަ ދުވަހުން ފެށިގެން  އެއްމަސްދުވަހުގެ ނިޔަލަށް ޖަޕާނުގައި ކުރިޔަށް ދިޔަ މި ސެމިނާރުގައި ޖުވެނައިލް ކޯޓުގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ރަޖިސްޓްރަރ އަލްއުސްތާޛާ ޒަޢީމާ ނަޝީދު އަބޫބަކުރެވެ.

ކްރައިމް ޕްރިވެންޝަން އެންޑް ކްރިމިނަލް ޖަސްޓިސްގެ 165 ވަނަ އިންޓަނޭޝަނަލް ސީނިއަރ ސެމިނާރަކީ، އޭޝިޔާ، އޭޝިޔާ ޕެސިފިކް، އެފްރިކާގެ ޤައުމުތަކާއި އަދި ޖަޕާނުގެ ބައިވެރިން ހިމެނޭގޮތުން ޖުމްލަ 31 ބައިވެރިންނާއެކު ކުރިޔަށް ގެންދިޔަ ސެމިނާރެކެވެ. މި ސެމިނާރުގެ ބައިވެރިންގެ ތެރޭގައި، ބޫޓާން، ބްރެޒިލް، ކޫކް އައިލެންޑްސް، ކޮއްޑިވަރ، ގުއާޓަމާލާ، ކެންޔާ، ދިވެހިރާއްޖޭ، މިޔަންމާ، ނޭޕާލް، ޕާކިސްތާން، ޕަނަމާ، ޕަޕުއާ ނިއުގިނީ، ފިލިޕީންސް، ތައިލެންޑް އަދި ޖަޕާނުގައި ކުޑަކުދިންގެ ޢަދުލުގެ ނިޒާމުގެ ތެރޭގައި ހިމެނޭ އެކިއެކި މުއައްސަސާތަކުގައި މަސައްކަތް ކުރައްވާ އިސް ފަރާތްތައް ހިމެނެއެވެ. އޭގެތެރޭގައި ހިމެނެނީ، ޕޮލިހުންނާއި، ޕްރޮސެކިއުޓަރުންނާއި، ކޯޓުތަކުގައި މަސައްކަތް ކުރައްވާ ފަރާތްތަކުގެ ތެރެއިން ފަނޑިޔާރުންނާއި ލީގަލް މުވައްޒަފުންނާއި، ޖަސްޓިސް މިނިސްޓްރީތަކުންނާއި، ކަރެކްޝަނަލް އޮތޯރިޓީތަކުންނާއި، ޕްރޮބޭޝަން މަސައްކަތް ކުރައްވާ ފަރާތްތަކުންނާއި، ޖުވެނައިލް ރިހެބިލިޓޭޝަން ސެންޓަރުތަކުންނާއި، ކުޑަކުދިންގެ ކަންކަމުގައި ގޮތްނިންމާ ދައުލަތުގެ އެކިއެކި ފަރާތްތަކުންނާއި، ރިސާރޗް އިންސްޓިޓިއުޓްތަކުންނާއި މި ނޫނަސް ކުޑަކުދިންނާއެކު މަސައްކަތްކުރާ މިފަދަ އެހެނިހެން އޯގަނައިޒޭޝަންތަކުގައި މަސައްކަތް ކުރައްވާ، ކުޑަކުދިންގެ ޢަދުލުގެ ނިޒާމުގައި މަދުވެގެން 10 އަހަރު ދުވަހު މަސައްކަތް ކޮށްފައިވާ ފަރާތްތަކެވެ.

މި ސެމިނާރުގެ މަޤްޞަދަކީ، އެކި ޤައުމުތަކުން މި ސެމިނާރުގައި ބައިވެރިވި ޖިނާޢީ ޢަދުލުގެ ނިޒާމުގައި މަސައްކަތްކުރާ އޮފިޝަލުންނަށް، ކުޑަކުދިންގެ ޢަދުލުގެ ނިޒާމާ ގުޅޭގޮތުން އެފަރާތްތަކުގެ ތަޖުރިބާ ޙިއްސާކޮށް، މަޢުލޫމާތު ލިބިގަނެ، ހަރުދަނާ ގޮތްތައް ދެނެގަނެ، އަދި ކުޑަކުދިންނާމެދު ޢަމަލު ކުރާނެ އެންމެ ރަނގަޅު ގޮތްތައް ދެނެގަތުމަށްޓަކައި އެކަންކަމާމެދު ޚިޔާލުފާޅުކޮށް މަޝްވަރާކުރުމެވެ. އަދި ހަމައެއާއެކު، ބައިވެރިންގެ މެދުގައި އިންޓަރނޭޝަނަލް ނެޓްވަރކެއް ޤާއިމް ކުރުމީވެސް މި ސެމިނާރުގެ ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނޭކަމެއްކަން ފާހަގަކުރެވެއެވެ.

މި ސެމިނާރުގެ ބައިވެރިންނަށް، ކުޑަކުދިންގެ ޢަދުލުގެ ނިޒާމާމެދު އެފަރާތްތަކުގެ ވިސްނުން އިތުރަށް ފުޅާކޮށް،  މަޢުލޫމާތާއި ތަޖުރިބާ ޙިއްސާކުރުމަށް ފުރުޞަތު ލިބިދިނެވެ. އަދި އދ އިން ކަނޑައަޅާފައިވާ މިންގަނޑުތަކާއި، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރި ކުރުމާބެހޭ ބައިނަލް އަޤްވާމީ މުޢާހަދާގެ އަލީގައި، ކުޑަކުދިންނާ ގުޅުންހުރި ޕޮލިސީތައް ކަނޑައެޅުމާއި، ކުޑަކުދިންގެ ޢަދުލުގެ ނިޒާމުގެ ހަރުދަނާ އުޞޫލުތައް ކަނޑައެޅުމަށް މުހިއްމު މަޢުލޫމާތުތަކެއް ފޯރުކޮށްދިނެވެ.

މި ސެމިނާރު ކުރިޔަށް ގެންގޮސްފައިވަނީ، ޔުނެފައި ޕްރޮފެސަރުންނާއި، ޖަޕާނުގެ އަދި ޖަޕާނުން ބޭރުގެ ޕްރޮފެސަރުންގެ ލެކްޗަރތަކާއި، މަޢުލޫމާތު ބަދަލުކުރުމުގެ ސެޝަންތަކާއި، (އޭގެތެރޭގައި ބައިވެރިންގެ ފަރާތުން ހުށަހެޅި އިންޑިވިޖުއަލް ޕްރެޒެންޓޭޝަންތަކާއި، ބައިވެރިން ކުރިޔަށް ގެންދިޔަ ގްރޫޕް ވޯކްޝޮޕްތަކާއި)، ހޯދާ ބަލާ ދިރާސާކުރުމުގެ ނުވަތަ އޮބްޒަވޭޝަން ވިޒިޓްތަކާއި، އަދި މިނޫންވެސް އިތުރު ޙަރަކާތްތަކުގެ މައްޗަށެވެ.

im3

 

image4

image2