ޤަޟާއީ އަހަރު 2018 ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް ޑރ. އަޙްމަދު ޢަބްދުﷲ ދީދީ މިރޭ އިފްތިތާޙްކޮށްދެއްވައިފިއެވެ. އެކަމަށްޓަކައި ބަނޑޮސް މޯލްޑިވްސް ގައި އޮތް ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނާއި، ދައުލަތުގެ ބަންޑާރަ ނާއިބު އަލްއުސްތާޛު މުޙައްމަދު އަނިލްއާއި، މިނިސްޓަރ އޮފް ހޯމް އެފެއަރޒް އޮނަރަބަލް އަލްފާޟިލް އަޒްލީން އަޙްމަދު އާއި، ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛާ ޢާއިޝަތު ބިޝާމް އާއި، ސުޕީރިއަރ ކޯޓުތަކާއި މެޖިސްޓްރޭޓް ކޯޓުތަކުގެ ފަނޑިޔާރުން ބައިވެރިވެވަޑައިގަތެވެ. އަދި ޤާނޫނީ ވަކީލުންނާއި ޝަރުޢީ ދާއިރާގެ އިސްވެރިންނާއި މުވައްޒަފުންވެސް ބައިވެރިވެވަޑައިގަތެވެ.
ޤަޟާއީ އަހަރު 2018 އިފްތިތާޙި ޚިޠާބު އިއްވެވުން
މި ރަސްމިއްޔާތުގައި ޤަޟާއީ އަހަރު 2018 އިފްތިތާޙި ޚިޠާބު ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރު އޮނަރަބަލް ޑރ. އަޙްމަދު ޢަބްދުﷲ ދީދީ އިއްވަވައިދެއްވިއެވެ.
ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް ޑރ. އަޙްމަދު ޢަބްދުﷲ ދީދީ ގެ ވާހަކަފުޅުގައި ޤަޟާއީ އަހަރު އިފްތިތާޙް ކުރުމުގެ ރަސްމިއްޔާތު ބޭއްވުމުގެ އެންމެ މުހިއްމު އެއް މަޤްޞަދަކީ، ފާއިތު ވި އަހަރުގެ ތެރޭގައި ޝަރުޢީ ދާއިރާއިން ކަނޑައެޅި ލަނޑުދަނޑިތަކުގެ ތެރެއިން ޙާޞިލު ވީ މިންވަރު ދެނެގަތުން ކަމަށާއި، އަނެއް މަޤްޞަދަކީ ފެށޭ އަހަރަށް ކަނޑައެޅުނު ލަނޑުދަނޑިތަކާ ބެހޭގޮތުން މަޝްވަރާ ކޮށް، އެ ލަނޑުދަނޑިތައް ޙާޞިލު ކުރުމަށް ޓަކައި މުޅި ޝަރުޢީ ދާއިރާ ގުޅިގެން އެންމެ އެކަށީގެންވާ ގޮތުގައި މަސައްކަތް ކުރުމާ ބެހޭގޮތުން މަޝްވަރާ ކުރުން ކަމުގައި ވިދާޅުވިއެވެ.
ފާއިތު ވި 2017 ވަނަ އަހަރަށް ބަލާ އިރު، ގިނަ ގޮންޖެހުންތަކަކާ ކުރިމަތި ވެފައި ވާކަމަށާއި، އޭގެ ތެރޭގައި މާލީ ގޮތުން ދިމާ ވި ދަތިތައް ފާހަގަކުރެއްވިއެވެ. "އޭގެ ނަތީޖާއެއްގެ ގޮތުން، ކޯޓުތަކަށް ބޭނުން ވާ ހަރުމުދާ ހޯދުމަށާއި، ޝަރުޢީ ދާއިރާއިން ކަނޑައަޅައިފައި ވާ ދިގު ރާސްތާގެ ލަނޑުދަނޑިތައް ޙާޞިލު ކުރުމަށް ޓަކައި ކޮންމެހެން ކުރާން ޖެހޭ އިންވެސްޓްމަންޓުތަކަށާއި، އަލަށް ފާސް ކުރެވުނު ޤާނޫނުތަކުން ލާޒިމު ކުރާ ބައެއް އިންތިޒާމުތައް ހަމަޖެއްސުމުގައި ދަތިތައް ދިމާ ވެފައި ވޭ." އެމަނިކުފާނު ވިދާޅުވިއެވެ.
ނަމަވެސް މި ދިޔަ އަހަރަކީ ޝަރުޢީ ދާއިރާއަށް ލިބުނު ކުޑަ ބަޖެޓުން، މުހިއްމު ކަންތައްތަކެއް ޙާޞިލު ކުރެވިގެން ދިޔަ އަހަރެއް ކަން އެމަނިކުފާނުގެ ޚިޠާބުގައި ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުގެ އުއްމީދަކީ މި އަހަރާއި، އަދި ކުރިޔަށް އޮތް އަހަރުތަކުގައި ޝަރުޢީ ދާއިރާގެ ތަރައްޤީގެ ދުވެލި ހަލުވި ވެގެން ދިޔުން. ކޯޓުތަކުގެ މަސައްކަތްތަކަށް ދިމާ ވެފައި ވާ އެކިއެކި ދަތިތައް އަވަސް ގޮތެއްގައި ޙައްލު ކުރެވިގެން ދިޔުން. ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި، ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީގެ އިންސްޓިޓިޔުޝަނަލް ޤާބިލިއްޔަތުކަން އިތުރު ކުރެވި، އެ ތަންތަނުން ޝަރުޢީ ދާއިރާގެ ކުރިއެރުމަށް ކުރާ މަސައްކަތްތަކަކީ އެންމެ މަތީ ފެންވަރުގައި ކުރެވޭ، ނަތީޖާ ނުކުންނަ މަސައްކަތްތަކަކަށް ވެގެން ދިޔުން." އެމަނިކުފާނު ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް ޑރ. އަޙްމަދު ޢަބްދުﷲ ދީދީ ގެ ޚިޠާބުގައި، ޤަޟާއީ އަހަރު 2018 އިފްތިތާޙްކުރުމުގެ ރަސްމިއްޔާތާ ގުޅިގެން ބޭއްވުމަށް އިންތިޒާމްކޮށްފައިވާ ފަނޑިޔާރުންގެ ޤައުމީ މަހާސިންތާ އާއި ޖުޑީޝަލް ކޮންފަރެންސް އޮން ކައުންޓަރިންގ ޓެރަރިޒަމް ވެސް އިފްތިތާޙްކޮށްދެއްވިއެވެ.
ޝަރުޢީ ދާއިރާގެ ހިންގުން ހަރުދަނާ ކުރުމާއި، ޝަރުޢީ މަރުޙަލާތައް ހިންގުމުގައި ޝަރުޢީ ދާއިރާގެ ޤާބިލިއްޔަތު އިތުރު ކުރުމުގެ މަޤްޞަދުގައި، ފަނޑިޔާރުން އެއް ތަނަކުން ބައްދަލު ކުރައްވައި މަޝްވަރާ ކުރެއްވުމަށް ޓަކައި ކޮންމެ އަހަރަކު ވެސް ލިބޭ އެންމެ މުހިއްމު ފުރުޞަތަކީ ފަނޑިޔާރުންގެ ޤައުމީ މަހާސިންތާ ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޖުޑީޝަލް ކޮންފަރެންސް އޮން ކައުންޓަރިންގ ޓެރަރިޒަމް ކޮންފަރެންސަކީ މުހިއްމު މައުޟޫޢަކާ ގުޅޭގޮތުން، ޢިލްމީ އަދި ފަންނީ ފެންވަރުގައި ވަރަށް މުހިއްމު މަޢުލޫމާތުތަކެއް ބައިވެރީންނަށް ލިބިވަޑައިގަންނަވާނޭ ގޮތަށް ފަރުމާ ކުރެވިފައި ވާ ޕްރޮގްރާމެއް ކަން ފާހަގަ ކުރައްވައި، ކޮންފަރެންސުގެ ތެރޭގައި ޤާނޫނު ތަންފީޛު ކުރާ އިދާރާތަކާއި ކޯޓުތަކުން މުހިއްމު ޢިލްމީ ކަރުދާސްތަކެއް ހުށަހަޅުއްވާ ގޮތަށް ހަމަ ޖެހިފައި ވާ އިރު، ރާއްޖެއިން ބޭރުގެ ވަރަށް ޤާބިލު ދެ ތަޖުރިބާކާރުންގެ މުޙާޟަރާތަކެއް ވެސް ކޮންފަރެންސުގެ އޭޖެންޑާގައި ހިމެނޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"ޓެރަރިޒަމަކީ ވަކި ދީނެއް ނުވަތަ ވަކި މިއްލަތެއް ނެތި، ދުނިޔޭގެ ޞުލްޙަޔާއި އަމަންއަމާންކަމަށް ހުރަސް އަޅާ ކަމެއް. އެކަމާ ދެކޮޅަށް މަސައްކަތް ކުރުމަކީ ހުރިހާ ޤައުމުތަކަކުން ވެސް، އަދި އަލިފުދާލު ފަދަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާތަކުން ވެސް ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރަމުން ގެންދާ ކަމެއް. ޚާއްޞަ ގޮތެއްގައި، އަޅުގަނޑުމެން ފަދަ އިސްލާމީ ޤައުމެއްގައި، ދީނީ މަޤްޞަދުތަކެއް ޙާޞިލު ކުރުމަށް ކަމަށް ވިޔަސް، އަދި އެފަދަ އެހެން މަޤްޞަދުތަކެއްގައި ވެސް، ޓެރަރިޒަމް ފަދަ ލާއިންސާނީ ޢަމަލުތައް ހިންގުމަކީ ޤަބޫލު ކުރެވޭނެ ކަމެއް ނޫން. އެހެންކަމުން، އަޅުގަނޑުގެ ނަޒަރުގައި ޓެރަރިޒަމާ ދެކޮޅަށް ޤާއިމު ކުރެވޭ ޤާނޫނީ އަދި ޝަރުޢީ ނިޒާމު އެންމެ ފުރިހަމަ ގޮތުގައި ބިނާ ކޮށް، އެ ނިޒާމު އިތުރަށް ތަރައްޤީ ކޮށް ހަރުދަނާ ކުރުމަށް ޓަކައި މިފަދަ ކޮންފަރެންސްތަކުގެ ބޭނުންތެރިކަން ވަރަށް ބޮޑު." އެމަނިކުފާނު ވިދާޅުވިއެވެ.
"ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނިންމުންތައް" ނެރެދެއްވުން
ޤަޟާއީ އަހަރު އިފްތިތާޙްކުރުމުގެ ރަސްމިއްޔާތުގައި "ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނިންމުންތައް" ފޮތް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ޢަރީފް ނެރެދެއްވިއެވެ. ޝަރުޢީ ދާއިރާގެ ތަފާސްހިސާބު ފޮތް ނެރެދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު އާދަމް މުޙައްމަދު ޢަބްދުﷲ އެވެ.
ޝަރުޢީ ދާއިރާގެ ތަފާސްހިސާބު 2017 ނެރެދެއްވުން
މި ރަސްމިއްޔާތުގައި ޝަރުޢީ ދާއިރާގެ ތަފާސްހިސާބު 2017 ފޮތް ވެސް ނެރެދެއްވުން އޮތެވެ. ޝަރުޢީ ދާއިރާގެ ތަފާސްހިސާބު 2017 ނެރެދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު އާދަމް މުޙައްމަދު ޢަބްދުﷲ އެވެ.
ޤަޟާއީ އަހަރު އިފްތިތާޙްކުރުމުގެ ރަސްމިއްޔާތަކީ 2016 ވަނަ އަހަރުން ފެށިގެން ޝަރުޢީ ދާއިރާގައި ބާއްވަމުން އަންނަ ރަސްމިއްޔާތެކެވެ. އެގޮތުން ޤަޟާއީ އަހަރު އިފްތިތާޙްކުރުމުގެ ރަސްމިއްޔާތާ ގުޅިގެން ކޮންމެ އަހަރަކުވެސް ބާއްވަމުންދާ ފަނޑިޔާރުންގެ ޤައުމީ މަހާސިންތާ އާއި، ކަނޑައެޅޭ ވަކި މައުޟޫޢުއަކަށް އިންތިޒާމް ކުރެވޭ ކޮންފަރެންސް މި އަހަރުވެސް ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ ޖުޑީޝަލް ކޮންފަރެންސް އޮން ކައުންޓަރިންގ ޓެރަރިޒަމް އެވެ. މިއީ ޓެރަރިޒަމްގެ މައްސަލަތައް ތަޙްޤީޤުކުރުމާއި، ދަޢުވާ އުފުލުމާއި، އެފަދަ މައްސަލަތަކުގެ ޝަރީޢަތް ހިންގުމުގައި ދިމާވަމުންދާ ދަތިތައް ދެނެގަނެ، އެކަންތައްތައް ޙައްލުކުރާނެ ގޮތްތައް ދެނެގަނެ މަޝްވަރާކުރުމަށްޓަކައި ކަމާބެހޭ ދައުލަތުގެ މުއައްސަސާތަކުގެ ބައިވެރުވުމާއެކު ކުރިޔަށް ގެންދެވޭ ކޮންފަރެންސެކެވެ.