ދިވެހިރާއްޖޭގެ ގުޅުން ޕްރައިވެޓް ލިމިޓެޑާއި (ދިރާގު) ގުޅިގެން ޑިޕާޓްމަންޓުން ކުރިޔަށް ގެންދާ 101 ރަށުގެ މެޖިސްޓްރޭޓް ކޯޓު ގުޅާލުމުގެ ނެޓްވޯކް އެންހޭންސްމެންޓް ޕްރޮޖެކްޓްގެ އެންމެ ރަށެއް ފިޔަވައި ހުރިހާ ރަށެއް، އިންޓަގްރޭޓެޑް ކޮމިއުނިކޭޝަން ނެޓްވަރކަކުން ގުޅާލައިފިއެވެ. މިމަޝްރޫޢުގެ ދަށުން މިހާތަނަށް ގުޅާލާފައިވާ މި 100 މެޖިސްޓްރޭޓް ކޯޓުގައި ޔުނިފައިޑް ކޮމިއުނިކޭޝަން އެންހޭންސްމަންޓް ސޮލިއުޝަނެއް ދިރާގުން ވަނީ ޤާއިމުކޮށްފައެވެ. އެގޮތުން މި 100 ރަށުގެ މެޖިސްޓްރޭޓް ކޯޓުގައި ހައި ސްޕީޑް ލިންކެއް އެ ކޯޓު ތަކާއި، މި ޑިޕާޓްމަންޓާއިދެ މެދު ޤާއިމްކޮށް، އިންޓްރާނެޓް، އިންޓަނެޓް، އަދި ޕީއޭބީޢެކްސްގެ ޚިދުމަށް ދޭން ވަނީ ފަށާފައެވެ. މިއީ ރާއްޖޭގައި ޤާއިމްކުރެވޭ މިފަދަ އެންމެ ފުރަތަމަ އަދި އެންމެ ބޮޑު ވައިޑްއޭރިއާ ވިއުގައެވެ.
އއ.ރަސްދޫ މެޖިސްޓްރޭޓް ކޯޓުގެ ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވާތީ، ކޯޓުގެ ޚިދުމަތް ހޯއްދަވާ ފަރާތްތަކަށް ދިމާވަމުންދާ ދަތިތަކަށް ނިހާޔަތަށް މަޢާފަށް އެދެމެވެ. ކަރަންޓްގެ ޚިދުމަތް ލިބޭނެކަމަށް ލަފާކުރެވެނީ މިއަދުގެ މެންދުރު ނަމާދުގެ ފަހުން ކަމަށް ވާތީ، އެވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ މުވައްޒަފުން ފަހު މަސައްކަތު ބުރާސްފަތި ދުވަސް ފާހަގަކޮށްފިއެވެ. މިދުވަސް ފާހަގަކުރުމުގެ ގޮތުން މިހިނގާ 2015 ވަނަ އަހަރު ޑިޕާޓްމަންޓުގެ މަސައްކަތްތައް ކުރިޔަށް ގޮސްފައިވާ މިންވަރު ވަޒަންކުރުމާއެކު ނުނިމިވާ މަސައްކަތްތައް ފާހަގަކޮށް، އެމަސައްކަތްތައް ހަލުވިކަމާއެކު ނިންމުމުގެ މަސައްކަތް މުވައްޒަފުން ވަނީ ކޮށްފައެވެ. އަދި ކުރިޔަށް އޮތް 2016 ވަނަ އަހަރު ޝަރުޢީ ދާއިރާގެ އިދާރީ އިންތިޒާމްތައް ހަރުދަނާކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ވަނީ ޕްލޭން ކޮށްފައެވެ.
2015 ވަނަ އަހަރުގެ ފަހު މަސައްކަތު ބުރާސްފަތި ދުވަސް ފާހަގަ ކުރުމުގެ ގޮތުން ޑިޕާޓްމަންޓުގެ މުވައްޒަފުން ވަނީ މާލޭގައި ހުރި ކޯޓުތަކުގެ ފާރުތަކުގައި ކުލަލައި، ދޮވެ ރީތިކުރުމުގެ މަސައްކަތާއި ކޯޓުތަކުގެ އެތެރެ ޒީނަތްތެރިކުރުމުގެ މަސައްކަތް ކޮށްފައެވެ.
ގެވެށި އަނިޔާއާ މެދު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ މުވައްޒަފުންގެ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް މިއަދު ކުރިޔަށް ގެންގޮސްފިއެވެ. ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ އެހީތެރިކަމާއެކު ކުރިޔަށް ގެންދިޔަ މި ސެޝަންގެ މައިގަނޑު މަޤުޞަދަކީ ގެވެށި އަނިޔާ އަކީ ދިވެހި މި މުޖުތަމަޢު އިން ފާހަގަކުރެވިފައިވާ ސީރިއަސް މައްސަލައަކަށްވާތީ، މި މައްސަލަ އާ މެދު ޑިޕާޓްމަންޓްގެ މުވައްޒަފުންގެ ހޭލުންތެރިކަން އިތުރުކޮށް، މި މައްސަލަ ޙައްލުކޮށް އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ދިނުމަށްޓަކައި ޢަމަލުކުރަމުންދާ ޤާނޫނު ނަންބަރު 2012/3 (ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނު) އަށް އަހުލުވެރި ބަޔަކަށް ޑިޕާޓްމަންޓްގެ އެންމެހައި މުވައްޒަފުން ހެދުމެވެ.
ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ ދިނުމުގެ ޤަވާޢިދު (ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2015/SC-RU/03 ރޫލިންގ) ގެ 4 ވަނަ މާއްދާ އާއި 5 ވަނަ މާއްދާ އާ އެއްގޮތްވާ ގޮތުގެމަތީން 173 ފަރާތަކުން މިރޭ ޤާނޫނީ ވަކީލުކަމުގެ ހުވާ ކުރައްވައިފިއެވެ.
ޤާނޫނީ ވަކީލުކަމުގެ ހުއްދައަށް އެދި ހުށަހެޅި ފަރާތްތަކުން ޤާނޫނީ ވަކީލުކަމުގެ ހުވާކުރުން އޮތީ އެކަމަށްޓަކައި ދަރުބާރުގޭގައި މިރޭ ބޭއްވުނު ޚާއްޞަ ރަސްމިއްޔާތުގައެވެ. މި ރަސްމިއްޔާތަކީ ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ ދިނުމުގެ ޤަވާޢިދުގެ ދަށުން ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ ދިނުމަށްޓަކައި ބޭއްވި ދެވަނަ ރަސްމިއްޔާތެވެ.
ކަނބަލުން ބާރުވެރިކުރުމުގައްޔާއި، ވަޒީފާގެ ކުރިއެރުން ލިބުމުގައްޔާއި، ތަމްރީނުގެ ފުރުޞަތުތައް ހޯދައި ދިނުމުގައި ޝަރުޢީ ދާއިރާއިން ދަނީ ބޮޑެތި ކުރިއެރުންތައް ހޯދަމުންނެވެ.
ޝަރުޢީ ދާއިރާގެ ކޯޓުތަކާއި އިދާރާތަކުގައި މަސައްކަތްކުރައްވާ މުވައްޒަފުންގެ %45 ހިއްސާކުރައްވަނީ ކަނބަލުންނެވެ. ޝަރުޢީ ދާއިރާގެ ކޯޓުތަކާއި އިދާރާތަކުގެ އިސް މަޤާމުތަކުގައި މިއަދު ކަނބަލުން ގެންދަވަނީ ހީވާގި ކަމާއި މުރާލިކަމާއެކު ނަމޫނާ ދައްކަވަމުންނެވެ.