|
ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު ފާއިޒް ޙުސައިން، ޑްރަގް ކޯޓަށް ޢައްޔަން ކުރެވުނު ފަނޑިޔާރުންނާ ބައްދަލުކުރައްވައިފިއެވެ. 27 ފެބުރުއަރީ ވީ ހޯމަ ދުވަހުގެ ހެނދުނު، އުއްތަމަ ފަނޑިޔާރު ޑްރަގް ކޯޓުގެ ފަނޑިޔާރުންނާ ބައްދަލުކުރެއްވީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގައެވެ.
މި ބައްދަލުވުމުގައި ޑްރަގް ކޯޓަށް ޢައްޔަން ކުރެވުނު ފަސް ފަނޑިޔާރުން ކަމަށްވާ އަލްއުސްތާޛު މަޙާޒް ޢަލީ ޒާހިރާއި، އަލްއުސްތާޛު ޙުސައިން ޝަހާމަތު މާހިރާއި، އަލްއުސްތާޛު ޒުބައިރު މުޙައްމަދާއި، އަލްއުސްތާޛު ޢަބްދުއްސައްތާރު ޢަބްދުލްޙަމީދާއި، އަލްއުސްތާޛު މުޙައްމަދު ޢީސާ ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އަލްފާޟިލް އިބްރާހީމް އަޙްމަދު މަނިކާއި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ އިސްވެރީންވެސް މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
ޑްރަގް ކޯޓުގެ ފަނޑިޔާރުންނާ ބައްދަލުކުރައްވައި އުއްތަމަ ފަނޑިޔާރު ދެއްކެވި ވާހަކަފުޅުގައި އެ ބޭފުޅުންނަށް މަރުޙަބާ ވިދާޅުވިއެވެ. އަދި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުތަކާ އެއްގޮތަށް ޢަމަލުކުރެއްވުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. އަދި ޑްރަގް ކޯޓު ހިންގުމާ ބެހޭ ޤަވާޢިދުތައް ޤާނޫނުގައި ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ފުރިހަމަކޮށްދެއްވުން އެދިވަޑައިގަތެވެ.
އިއްޔެގެ ބައްދަލުވުމުގައި ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ދެއްކެވި ވާހަކަފުޅުގައި، ޑްރަގް ކޯޓު ހިންގާނެ ޢިމާރާތެއް މީގެ ދިހަ ވަރަކަށް ދުވަސް ކުރީން ސަރުކާރުން ހަމަޖައްސަވައިދެއްވާފައިވާ ކަމަށާއި، އެ ޢިމާރާތުގެ އާބާތުރަ ފިލުވައި، ކޯޓު ޤާއިމުކުރުމުގެ މަސައްކަތް ކުރެވެމުންދާކަމަށް ވިދާޅުވިއެވެ. އަދި އެކަމާ ބެހޭ ޢަމަލީ މަސައްކަތްތަކާއި އިދާރީ މަރުޙަލާތައް ވީހައި އަވަހަކަށް ފުރިހަމަކުރައްވައި، ކޯޓު ހިންގާ ޢިމާރާތް ބޭނުންކުރަން ފެށޭވަރު ވާނެކަމަށްވެސް ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ވިދާޅުވިއެވެ.
ޤާނޫނުގައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ކޯޓުގެ މަސައްކަތް ފެށުމަށްޓަކައި ވާންޖެހޭ އެންމެހައި ތައްޔާރީތަކެއް ވަމުންދާ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ވެސް ވަނީ މަޢުލޫމާތު ދެއްވާފައެވެ.
ޤާނޫނު ނަންބަރު 2011/17 (މަސްތުވާތަކެއްޗާ ބެހޭ ޤާނޫނު) ގެ ފަސްވަނަ ބާބުގެ ދަށުން އުފައްދާފައިވާ ޑްރަގް ކޯޓަށް ފަނޑިޔާރުން ޢައްޔަން ކުރެއްވުމަށްފަހު، ފަނޑިޔާރުން ހުވައި ކުރައްވާފައި ވަނީ މިމަހުގެ 25 ވަނަ ދުވަހުއެވެ. މަސްތުވާތަކެއްޗާ ބެހޭ ޤާނޫނުގެ 34 ވަނަ މާއްދާއާއި، 39 ވަނަ މާއްދާގެ ދަށުން، އެ ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 90 ދުވަހުގެ ތެރޭގައި، ކޯޓަށް ފަނޑިޔާރުން ޢައްޔަންކޮށް، ކޯޓު ހިންގުމަށް ބޭނުންވާ ޤަވާޢިދުތައް ހަދައި ޢާއްމުކޮށް އިޢުލާންކުރަން ވާނެއެވެ. ޤާނޫނަށް ޢަމަލުކުރަން ފަށާފައިވަނީ 31 ޑިސެންބަރު 2011 ގައެވެ.
ޑްރަގް ކޯޓަކީ މަސްތުވާތަކެއްޗާ ބެހޭ ޤާނޫނުގެ ދަށުން އަލަށް އުފެއްދިފައިވާ ކޯޓެކެވެ. ސުޕީރިއަރ ކޯޓެއްގެ ދަރަޖައިގެ މި ކޯޓު ޤާއިމުވެހުންނާނީ މާލޭގައެވެ. ކޯޓުގެ އިޚްތިޞާޞުގެ ތެރޭގައި ހިމެނެނީ މަސްތުވާތަކެއްޗާ ގުޅުން ހުރި ކުށްކުށާ ބެހޭ މައްސަލަތަކެވެ. މި މައްސަލަތަކަކީ ކުރީން ކްރިމިނަލް ކޯޓާއި ޖުވެނައިލް ކޯޓުގެ އިޚްތިޞާޞުގެ ތެރޭގައި ހިމެނުނު މައްސަލަތަކެވެ. ނަމަވެސް ޑްރަގް ކޯޓު އުފެދުމާ ގުޅިގެން، މި ބާވަތުގެ މައްސަލަތަކެއް ކްރިމިނަލް ކޯޓާއި ޖުވެނައިލް ކޯޓަކުން ދެން ނުބަލާނެއެވެ.
|