ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫ.އެން.ޑީ.ޕީ) އަދި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީ.ޖޭ.އޭ) ގުޅިގެން، ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނާއި ޖިންސީ ކުށުގެ ޤާނޫނުގެ ތަމްރީން ޕްރޮގްރާމް ފަށައިފި.

ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫ.އެން.ޑީ.ޕީ) އަދި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީ.ޖޭ.އޭ) ގުޅިގެން، ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނާއި ޖިންސީ ކުށުގެ ޤާނޫނާއި ގުޅޭ މަޢުލޫމާތު ފޯރުކޮށްދިނުމަށް 3 ދުވަހުގެ ތަމްރީން ޕްރޮގްރާމެއް މިއަދު ފެށިގެން ކުރިއަށް އެބަދެއެވެ. މި ތަމްރީން ޕްރޮގްރާމަކީ، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ފަނޑިޔާރުންނަށް އަމާޒުކޮށްގެން 2021 ޑިސެންބަރު މަހުގެ 19 ވަނަ ދުވަހުން ފެށިގެން 21 ވަނަ ދުވަހުގެ ނިޔަލަށް ޖުޑީޝަލް އެކެޑަމީގައި ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގެ މަޤްޞަދަކީ ކޯޓްތަކުގެ ފަނޑިޔާރުންނަށް، ކުށުގެ ޝިކާރައަށްވާ ފަރާތްތަކަށް ޤާނޫނުގެ ދަށުން ލިބިދޭންޖެހޭ އެހީތެރިކަމާއި ރައްކާތެރިކަން ދިނުމަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުމަށާއި އަދި މިފަދަ މައްސަލަތަކުގައި އިންޞާފު ޤާއިމުކުރުމަށް ބާރުއެޅުމެވެ. 3 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި، ޓްރޭނަރުންގެ ގޮތުގައި މަސައްކަތް ކުރައްވާނީ، ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ އަދި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސާރވިސަސްގެ ކަމާގުޅޭ ބޭފުޅުންނެވެ.

މި ޕްްރޮގްރާމްގައި އަލިއަޅުވާލެވޭ މުޙިއްމު ބައިތަކުގެ ތެރޭގައި ޖެންޑާއާއި ގުޅުންހުރި އަސާސީ މަފްޙޫމްތަކާއި، ޖިންސީއަނިޔާއާއި، ގެވެށި އަނިޔާއާއި ގުޅޭ މަޢުލޫމާތު އަދި ކޯޓުގެ އިޖުރާއަތުތަކުގައި ކުށުގެ ޝިކާރައަށްވާ މީހާ ރައްކާތެރިކުރުމާއި ގުޅޭ މަޢުލޫމާތު ފޯރުކޮށްދެވޭނެއެވެ.

މި ޕްރޮގްރާމަކީ ދިވެހި ދައުލަތުގެ ސްޓްރެޓިޖީކް އެކްޝަން ޕްލޭންގައި ހިމަނާފައިވާ ޕްރޮގްރާމަކަށްވުމާއި އެކު ، ޖުޑިޝަރީގެ ހުރިހާ ފަނޑިޔާރުންނަށް އަމާޒުކޮށްގެން ސިލްސިލާކޮށް މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ފަރާތުން ވަނީ ކަނޑައަޅާފައެވެ. މިގޮތުން މި ފެށޭ ބެޗްގެ އިތުރުން، ކުރިއަށް އޮތް އަހަރު (2022) ވަނަ އަހަރުގެ ތެރޭގައި މި ޕްރޮގްރާމުގެ 04 (ހަތަރެއް) ބެޗް ކުރިއަށް ގެންދާގޮތަށްވެސް ވަނީ ހަމަޖެހިފައިވެއެވެ.