ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަކީ ޝަރުޢީ ދާއިރާގެ އިދާރީ އެންމެހައި ކަންކަން ރާވާއި ހިންގައި ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ޙަވާލުކޮށްފައިވާ އިދާރާއެވެ. ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަކީ ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކުގެ އިދާރީ ހިންގުމާބެހޭ ކަންކަން އިންތިޒާމުކޮށް ބަލަހައްޓާ އެންމެ ދުވަސްވީ މުވައްސަސާއެވެ. ޝަރުޢީ ކޯޓުތަކުގެ އިދާރީކަންކަން އިންތިޒާމުކޮށް ބަލަހައްޓާ އިދާރާ " ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން" މިނަމަށް ބަދަލުވީ 01 އޮކްޓޯބަރ 2008 ގައެވެ.
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ ޝަރުޢީދާއިރާއަށް ބޭނުންވާ ޢިމާރާތްތަށް ކުރުމާއި، މަރާމާތުތައް ކުރުމާއި، ޓެކޮނޮލޮޖީ ފޯރުކޮށްދިނުމާއި، މީހުންބިނާކުރުމާއި، ތަފާސްހިސާބު އެއްކޮށް ޝާއިޢުކުރުމާއި، ވަޒީފާ ދިނުމާއި ވަކިކުރުން އަދި އިދާރީއެންމެހާ މަސައްކަތްތައް އިންތިޒާމުކޮށް ހިންގުމެވެ.
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ މަސައްކަތަށް މަގުދައްކައިދޭ ޤާނޫނުތަކާއި އުޞޫލްތައް:
- ފަނޑިޔާރުންގެ ޤާނޫނު.
- ކޯޓުތަކާ ބެހޭ ޤާނޫނު.
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޢާންމު ސިޓީތައް.
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ސަރކިއުލަރތައް.
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލިސްގެ ނިންމުންތައް.
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ގެ ދަށުގައިވާ ބިންތައް:
- ޖަސްޓިސް ބިލްޑިންގް / މ.އޯކިޑްމަގު، މާލެ
- ޖުޑީޝަލް ޓްރޭނިންގ ސެންޓަރ / ވިލިމާލެ
- ފެމިލީ ކޯޓް / ކާވެންޏާބެހޭބައި
- ދިވެހިރާއްޖޭގެ ހައިކޯޓް ޢިމާރާތްކުރާ ބިން / މެދުޒިޔާރަތްމަގު، ހެންވޭރު (96 ނަންބަރު ކޮށި)
-ކޯޓް ކޮމްޕްލެކްސް ޢިމާރާތްކުރާ ބިން / ބޮޑުތަކުރުފާނު މަގު