މެންޑޭޓް

sc 01

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ސަރކިއުލަރ ނަންބަރު 2009/01/SC (18 ޖެނުއަރީ 2009)އާއިއަދި އެސަރކިއުލަރއަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ސަރކިއުލަރގެ ނަންބަރު 2009/02/SC  (06 އޮކްޓޯބަރ 2009) ގައިވާ ގޮތުގެ މަތިން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ މަސައްކަތްތައް ތިރީގައި ބަޔާންކުރެވިފައި އެވަނީއެވެ .

  1. ދިވެހިރާއްޖޭގެ ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރުގެ ދަށުގައި ހިމެނޭ އެންމެހައި ކޯޓުތަކުގެ އިދާރީ މުވައްޒަފުންގެ ވަޒީފާއާބެހޭ ޢާންމު ކަންކަން އެކޯޓެއްގެ އެންމެ އިސްފަނޑިޔާރެއްގެ މަޝްވަރާގެ މަތިން ރާވައި ހިންގައި ބެލެހެއްޓުން.
  2. ފަނޑިޔާރުންނަށް ބޭނުންވާ ތަމްރީނު ދިނުމާބެހޭ ކަންކަން ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރުގެ ލަފާގެ މަތީން ރާވައި ހިންގުން.
  3. ފަނޑިޔާރުންގެ ޢިލްމީ ފެންވަރު މަތިކުރުމުގެ ގޮތުންނާއި ފަންނީ ހުނަރު އިތުރުކުރުމުގެ ގޮތުން ބާއްވަންޖެހޭ ބައްދަލުވުންތަކާއި، ސެމިނަރ އަދި ކޮންފަރެންސް ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރުގެ ލަފާގެ މަތިން ބޭއްވުން.
  4. ޤާނޫނުތަކަށާއި ޤާނޫނީ ނިޒާމަށް އަންނަ ބަދަލުތަކާގުޅޭ މަޢުލޫމާތާއި ތަމްރީނު ދިނުމާބެހޭ ކަންކަން ރާވައި ހިންގުން.
  5. ކޯޓުތަކުގެ ނިންމުންތައް ފުރިހަމަޔަށް ރެކޯޑުކޮށް ބެލެހެއްޓުމާއި އެ ނިންމުންތައް ޢާންމުކޮށް ފަސޭހައިން ލިބެން ހުންނާނެ ނިޒާމެއް ޤާއިމުކުރުން.
  6. ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރުގެ ކޮންސޮލިޑޭޓަޑް ބަޖެޓް ކޯޓުތަކުގެ މަޝްވަރާއާއެކު އެކުލަވާފައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް ހުށަހެޅުން.
  7. .ޝަރްޢީދާއިރާއަށް ބޭނުންވާ އިދާރީ މުވައްޒަފުންނަށް ވަޒީފާ ދިނުމާއި ވަކިކުރުމާއި މަޤާމުގެ ކުރިއެރުންދިނުމާއި، އެމުވައްޒަފުންގެ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް ރާވައި ހިންގަންޖެހޭ އެންމެހާ ޙަރަކާތްތައް އިންތިޒާމްކޮށް ރާވައި ހިންގުން.
  8. ދިވެހިރާއްޖާގެ ޢަދުލު އިންޞާފުގެ ދާއިރާއަށް ޢިލްމީ، ޤާބިލު މީހުން ޝައުޤުވެރިވާނެ ގޮތަކަށް މުވައްޒަފުންނާ ގުޅޭ ކަންތައްތައް ރޭވުން.
  9. ޝަރްޢީދާއިރާގައި މަސައްކަތްކުރާ އިދާރީ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބަލައި، އިސްލާޙުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
  10. ފަނޑިޔާރުންގެ މެދުގައި ޢިލްމީ ދިރާސާތައްކޮށް މަޢުލޫމާތު ބަދަލުކުރެވޭނެ އިންތިޒާމު ހަމަޖެއްސުން.
  11. ރާއްޖޭގެ ރަށްރަށުގެ ކޯޓުތަކުގެ ޚަރަދުތަކަށް ފޮނުވަންޖެހޭ ފައިސާ ފޮނުވުމާއި، ހަމަޖެހިފައިވާ އުޞޫލުތަކާއި ޤަވާޢިދުތަކާ އެއްގޮތަށް އެކަމުގެ ރިކޯޑު ބެލެހެއްޓުމާއި ކޯޓުތަކުގެ ފައިސާގެ ހިސާބުތައް އިންޓަރނަލް އޯޑިޓްކުރުން.
  12. ދުވަސްވީ ޝަރުޢީ ލިޔުންތައް ގިނަ ދުވަހަށް ދެމިހުންނާނެ ގޮތަކަށް ރައްކާތެރިކަމާއެކު ބެލެހެއްޓުމާއި ކަނޑައެޅޭ ވަކި އުޞޫލެއްގެ މަތިން އެލިޔުންތައް ދޫކުރުން.
  13. ޝަރްޢީދާއިރާގެ ބޭނުމަށްޓަކައި ހޯދަންޖެހޭ ޢިމާރާތްތައް ހޯދުމާއި ޢިމާރާތްކުރަންޖެހޭ ތަންތަން ކަނޑައަޅައި ޢިމާރާތްކުރުމާއި މަރާމާތުކުރަންޖެހޭ ތަންތަން މަރާމާތުކޮށް ބެލެހެއްޓޭނެ އިންތިޒާމު ހަމަޖެއްސުން.
  14. ޢަމަލުކުރެވެމުންދާ ޤާނޫނާއި ޤަވާޢިދުތަކަށް އަންނަ އިޞްލާޙުތަކާއި ޢާންމު ސިޓީއާއި ސަރކިއުލަރފަދަ ތަކެތި ކޯޓުތަކަށް ފަސޭހައިން ފޯރުކޮށްދިނުމުގެ އިންތިޒާމު ހަމަޖެއްސުން.
  15. ކޯޓުތަކުގައި ޒަމާނީ ޓެކްނޯލޮޖީގެ ވަޞީލަތްތައް ތަޢާރަފްކޮށް، ޢަދުލު އިންޞާފު ދާއިރާގައި އިންފޮމޭޝަން ޓެކްނޮލޮޖީ ފުރިހަމަޔަށް ބޭނުންކުރެވޭނެ ގޮތް ހަމަޖެއްސުން.
  16. ކޯޓުތަކުގެ ތަފާސް ހިސާބު އެއްކޮށް ރައްކާކޮށް ޢާންމުކޮށް ޝާއިޢުކުރުން.
  17. ކޯޓުތަކަށް ހޯދަންޖެހޭ އެންމެހާތަކެތި ކޯޓުތަކަށް ހޯދޭނެ އިންތިޒާމު ހަމަޖައްސައި އެތަކެތީގެ އިންވެންޓްރީ ބަލަހައްޓާނެ އިންތިޒާމު ހަމަޖެއްސުން.
  18. ކޯޓުތަކުގެ ޢާންމު އިދާރީ ކަންކަމާއި ގުޅޭގޮތުން އެކި ފަރާތްތަކުން ހުށަހަޅާ ޝަކުވާތައް ބަލައިގަނެ އެކަންކަން ރަނގަޅުކުރުމަށް ފިޔަވަޅުއަޅައި އެކަމުގެ ރެކޯޑު ބެލެހެއްޓުން.
  19. ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަކީ ދިވެހިރާއްޖޭގެ ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރުގެ ދަށުގައި ހިމެނޭ އެންމެ ދުވަސްވީ އިދާރާކަމަށްވާތީ މިއިދާރާގައި ހިމެނޭ ލިޔުންތަކާއި ރެކޯޑުތަކާއި ވަސީލަތްތައް ރައްކާތެރިކޮށް ބެލެހެއްޓުން.
  20. ޝަރްޢީދާއިރާއިން މީޑިއާއަށް ދޭން ބޭނުންވާ މަޢުލޫމާތު މީޑިއާއަށް ދިނުން.
  21. ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ވަޒަންކުރުމަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމާއި އެމަޢުލޫމާތު ބެލެހެއްޓުން.
  22. ކޯޓުތަކަށް ފޮނުވަންޖެހޭ ޝަރްޢީ ވަފުދުތައް ފޮނުވުމަށް ހަމަޖައްސަންޖެހޭ އިދާރީ ކަންތައްތައް ހަމަޖެއްސުން.
  23. ކޮންމެ މީލާދީ އަހަރެއް ނިމުމުން އެނިމުނު އަހަރު ޝަރްޢީ ދާއިރާ ހިނގިގޮތުގެ ރިޕޯޓު އެކުލަވާލުން.
  24. ޖުޑީޝަލް ކައުންސިލަށް ބޭނުންވާ ފަންނީ އަދި އިދާރީ އެހީތެރިކަން ފޯރުކޮށްދިނުމާއި ޖުޑީޝަލް ކައުންސިލުން ކަނޑައަޅާ ޖުޑީޝަލް ޕޮލިސީތަކާއި އިޖްރާއާތު ތަންފީޒުކުރުން.
  25. ޢަދުލު އިންޞާފުގެ ދާއިރާގެ ސްޓްރެޓެޖިކް ޕްލޭން އެކަށައަޅައި ފާސްކުރުމަށްޓަކައި ޖުޑީޝަލް ކައުންސިލަށް ހުށަހެޅުން. އަދި ސްޓްރެޓަޖިކް ޕްލޭން ތަންފީޒުކުރުމާއި، ތަންފީޒުވަމުންދާ މިންވަރު ބެލުން.
  26. މިނޫނަސް އިދާރީ ގޮތުން ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރަށް ބޭނުންވާ އެންމެހައި އެހީތެރިކަން ފޯރުކޮށްދިނުން.
  27. ޤާނޫނީ ވަކީލުންގެ ދަފްތަރު އެކުލަވާލުމާއި އަހަރަކު އެއްފަހަރު ދަފްތަރު މުރާޖަޢާކޮށް ކޯޓުތަކާއި ޓްރައިބިއުނަލް ތަކަށް ފޮނުވުން.

ފަހުގެ ޚަބަރުތައް